ޚަބަރު

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފަށައިފި


  • ޢުމްރާ ދަތުރު ލިބުނު ފުރަތަމަ ފަރާތަކީ އަލްޙާފިޡް ޢަލީ ރަޢީފު

  • ވަޒީރު ވިދާޅުވީ މިމަޝްރޫޢު ކުރިއަށްގެންދަނީ ދީލަތި ފަރާތްތަކުގެ އެހީގައިކަމަށް

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކުރައްވައި ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން ހަވާލުކުރައްވައިފިއެވެ.

މިމަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު ފުރަތަމަ އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ. އަލްޙާފިޡް ޢަލީ ރަޢީފަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. 

މިމަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަދަ މަސައްކަތެއްކުރުމަށް ސަރުކާރުން ނިންމީ ދީނީ ކަންތައްތަކަށް އަހުލުވެރި މުޖުތަމަޢެއް ބިނާކޮށް، އެކަމަށް ހިތްވަރުދިނުމުގެ ގޮތުންކަމަށެވެ. ވަޒީރު ވިދާޅުވީ އެއްވަނަ ދަރަޖައިގައި ޤުރުއާން ހިތުދަސް ކުރުމަކީ ވަރަށް ބޮޑު ކާމިޔާބިއެއްކަމަށާއި އެއީ ފާހަގަކުރަންޖެހޭ ކަމެއްކަމަށެވެ.

"މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު. ހިތްވަރުދިނުމަށް މި ކުރާ މަސައްކަތުގައި ދީލަތި ފަރާތްތަކުން ބައިވެރިވުމަށް އަޅުގަނޑު ވަރަށް އެދެން."އިސްލާމީ ކަންތައްތަކާ ބެވޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. 

ޤުރުއާން ހިތުދަސް ކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.