މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލައިދޭ ސިނަމާލޭ ބުރިޖު ލޭނުތަކެއް މަދުކަމަށް ބުނެ ދައްކަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ.މުއްޠަލިބް މިހެން ވިދާޅުވީ ސިނާމާލެ ބުރިޖުގެ މަސައްކަތްކޮށްފައި ވަނީ ފަރުމާއާއި އެއްގޮތަށް ނޫންކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ސިނަމާލޭ ބުރިޖު ލޭނުތަކެއް މަދުކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވަނީ، ސިނަމާލެ ބްރިޖް މަޝްރޫޢު އިފްތިތާޙުކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯއެއް ޙިއްސާކޮށްފައެވެ. ވީޑިއޯގައި ބުރިޖުގެ ފައިނަލް ޑިޒައިނާއި ބުރިޖު ނިމުމުން އޮންނާނެ ގޮތުގެ އެނިމޭޝަނެއްވެސް ހިމެނެއެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ބުރިޖުގައި ހިމެނެނީ ކޮންމެ ފަރާތެއްގައި 2 ލޭނާއެކު ޖުމްލަ 4 ލޭނާއިި ބްރިޖްގެ ދެ ފަޅިން ހިނގާ މީހުންނަށް ޚާއްސަކޮށްފައިވާ ވޯކްވޭއެވެ.
This is from bridge design unveiling event (from official PO YouTube channel). Watch yourself to see how many lanes were in the design and if it’s built any different to the initial design. This is publicly available information. https://t.co/slIGhz0RYC pic.twitter.com/PydsAw1vOt
— Abdulla Muththalib (@muththo) August 28, 2024
ވަޒީރު ވިދާޅުވީ ސިނަމާލެ މަޝްރޫޢު މުޅިން ފުރިހަމަކޮށް، ބޭނުންކުރަން ފަށާފައިވަނީ މަޝްރޫޢުގެ ފައިނަލް ކުރެހުންތަކަށް އެއްވެސް އުނި އިތުރެއް ނުގެނެސްކަމަށެވެ.
ސިނަމާލެ ބްރިޖްގެ މަޝްރޫޢު ޢަމަލީ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ މަރޗްމަހުއެވެ. ބްރިޖްގެ މަސައްކަތް ނިންމުމަށްފަހު ބުރިޖު ހުޅުވީ 2018 ވަނަ އަހަރުގެ އޮގްސްޓްމަހުގެ 31 ވަނަ ދުވަހުއެވެ.
ސިނަމާލެ ބްރިޖްގައި ދިގުމިނުގައި 1.34 ކިލޯމީޓަރު ހުންނައިރު، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. މި މަޝްރޫޢަށް 210 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.