ފަރުވާގެ ނިޒާމަކަށް ބަދަލުކޮށް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ސިއްޙަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެމަރުކަޒު ހިންގަމުން އައިސްފައިވަނީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނެވެ. އެވުޒާރާއިން ވަނީ، ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި އެތަނުގެ ޚިދުމަތްތަކަށް ބޮޑެތި ހެޔޮބަދަލުތަކެއް ގެނެސްފައެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 6 ޖޫން 1976ގައެވެ. އެތަން ޤާއިމުކުރީ ނަފްސާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޖުތަމަޢު ތެރޭގައި ގެންގުޅުން ރައްކާތެރިކަމަށް ނުފެންނަ ފަރާތްތަކާއި ޢާއިލާއާއި މުޖުތަމަޢުން އަޅާލުން ނުލިބި، ބެލެނިވެރި އަދި ބަލަދުވެރި ފަރާތެއް ނެތި ބެލެހެއްޓުމުގެ ޒިންމާއިން ހަވާސާވެފައިވާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައެވެ.
މިތަން ބަލަހައްޓަމުން އައިސްފައިވަނީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. ނަމަވެސް ސަރުކާރުން މިހާރު މިވަނީ މިމަރުކަޒު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ސިއްޙަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ. މިގޮތަށް ބަދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެމަރުކަޒަކީ މީހުން ބައިތިއްބާ ތަނެއްގެ ބަދަލުގައި މީހުންނަށް ބޭނުންވާ ފަރުވާ ދީ، އާއިލާއާ ގުޅުވައިދީ އާއްމު ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދޭތަނަކަށް ހެދުމެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، އެތަނުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތައް އަނބުރާ އާއިލާތަކާއި ހަވާލުކޮށް، މުޖުތަމަޢުގައި އުޅެވޭނެ މަގުފަހިކުރުމަށް ފާއިތުވި 9 މަސް ދުވަހު މުހިންމު ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އެންމެ ބޮޑު ބަދަލަކީ އެތަނަކީ ދާއިމީކޮށް މީހުން ބައިތިއްބާ ތަނެއްގެ ބަދަލުގައި ވަގުތީ ހިޔާވައްސެއްގެ ގޮތުގައި ހަމަޖައްސާ، އެތަނުގައި ފަރުވާދީ އަނބުރާ މުޖުތަމަޢަށް މީހުން ނެރުމުގެ ޢަމާޒަށް ޕްރޮގްރާމްތައް ހިންގަން ފެށުމެވެ. މިހާރު އެތަން ހިންގަމުންދަނީ ފަރުވާއާއި މުޖުތަމަޢަށް ނެރުމުގެ އަޚުލާގާ ހުނަރު ދަސްކޮށްދޭ ތަނެއްގެ ނިޒާމަށެވެ.
ތަނުގެ އިންފްރާސްޓްރަކްޗާއަށް ގެނައި ބަދަލުތަކާއި ފަރުވާގެ ނިޒާމަށް ގެނައި ބަދަލުތަކާއެކު އެމަރުކަޒުން ފަރުވާ ފުރިހަމަކުރި 19 މީހުން މިހާރު ވަނީ އަނބުރާ އާއިލާއާ ގުޅުވައިދީފައެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން އެމަރުކަޒަށް އެނދު ހޯދުމުގެ މަޝްރޫޢެއް ހިންގާ 70 އެނދު އަލަށް ބޭނުންކުރެވޭ ގޮތަށް ވަނީ އިންތިޒާމް ކޮށްފައެވެ. އެއާއެކު މަރުކަޒުގައި މިވަގުތުތިބި ހުރިހާފަރާތްތަކަށް އެނދު ވަނީ ހަމަވެފައެވެ.
އަދި ކުޑަކުދިން ބޭތިއްބުމަށް ޚާއްޞަ ވޯޑެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
އަމިއްލައަށް މަސައްކަތްކޮށް ވަޒީފާ އަދާކޮށް އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅެވޭނެފަދަ ހުނަރުތައް ދަސްކޮށްދީ، އެ މަގުންވެސް މަރުކަޒުގައިވަނީ މަސައްކަތް ފަށާފައެވެ.
ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިންފްރާސްޓްރަކްޗަރއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މުޖުތަމަޢަށް އަނބުރާ ނެރޭ މީހުންނަށް ބޭނުންވާ ފަރުވާއާއި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ރީ އިންޓަގްރޭޝަން ވޯޑެއް ވަނީ އެތާނގައި ހަދާފައެވެ. މިތަނުގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައެވެ. އެގޮތުން ދާދި ފަހުން ވަނީ ކޭކު ކޯހެއްވެސްވަނީ ހިންގާފައެވެ. މިކޯހުގައި 10 މީހުން ބައިވެރިވިއެވެ.
މީގެއިތުރުން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ޤަވާއިދުން ދެއްކޭނެ ކޭމްޕްތައް ހިންގުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމްތައްވެސް ދަނީ ހިންގަމުންނެވެ. އަދި އާއިލާއާއި ހަވާލުކުރާ މީހުން ބެލެހެއްޓުމުގައި އާއިލާތަކަށް ބޭނުންވާ އިރުޝާދު ދީ އެމީހުންނަށް ބޭނުންވާ އެހީތެރިކަން ދޭނެ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މީގެ ބޭނުމަކީ މިފަދަ މިހުންނަކީވެސް އާއިލީ ލޯތްބާއެކު ދިރިއުޅޭ ބަޔަކަށް ވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މީގެއިތުރުން ނަފްސާނީ ބަލީގެ ޑޮކްޓަރަކާ ތެރަޕިސްޓެއްގެ އިތުރުން އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މިމަރުކަޒުގެ މަސައްކަތް ސިއްޙަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމާއެކު، މަރުކަޒު ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން އެވުޒާރާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ގުރައިދޫގައި ޤާއިމްކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 219 މީހުން އެބަތިބިއެވެ. އޭގެ ތެރެއިން 31 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.