ދުނިޔެ

ރަޝިޔާއާއި ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ގްރީސްއިން ފާޑުކިޔައިފި


ޔޫކްރެއިންގެ މައްސަލައިގައި ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ފާޑު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ގްރީސްގެ ވެރިރަށް އެތެންސްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއިއެކު ބޭއްވެވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔޫކްރެއިންގެ މައްސަލައިގައި ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އާ ކުރުމާއިމެދު ވިލާތުގެ އިއްތިހާދުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ގޮތެއް ނިންމާނެއެވެ. ސިޕްރާސް ވިދާޅުވީ، ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެއްވެސް ހެޔޮ ނަތީޖާއެއް ފެންނަމުން ނުދާކަމަށެވެ. އަދި، މި މައްސަލައަށް ޙައްލެއް ހޯދެން އޮތް ހަމައެކަނި މަގަކީ މަޝްވަރާކުރުންކަމަށް ސިޕްރާސް ވިދާޅުވިއެވެ.

އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ، ޔޫކްރެއިންގެ ސަރަހައްދެއްކަމަށްވާ ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަކުރުމާއި ގުޅިގެންނެވެ. މި މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، ކްރައިމިޔާގެ މައްސަލައިގައި ދެން އިތުރަށް ބާއްވާނެ މަޝްވަރާއެއް އޮތްކަމަށް ޤަބޫލް ނުކުރައްވާކަމަށެވެ.

ޕުޓިން ގްރީސްއަށް ވަޑައިގެން މި އުޅުއްވަނީ، ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ތެރެއިން އެ ޤައުމާއި ގުޅުން ދަމަހައްޓަމުންދާ ގްރީސްގެ ސަރުކާރުގެ ތާއީދު ހޯދުމަށެވެ.