ކުޅިވަރު

ވްލާހޮވިޗުގެ ދެ ލަނޑާއެކު ވެރޯނާ އަތުން ޔުވެންޓަސް މޮޅުވެއްޖެ


އިޓާލިއަން ލީގުގައި ޑޫސާން ވްލާހޮވިޗް ވައްދާލި ދެ ލަނޑާއެކު، ހެލާސް ވެރޯނާ އަތުން 0-3 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަސްގެ އައު ކޯޗު، ތިއާގޯ މޮޓާގެ އިރުޝާދުގެ ދަށުން، އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް ޔުވެންޓަސް މޮޅުވެފައިވަނީ 3-0 އިންނެވެ. މިއާއެކު، މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާ ހަމައެކަނި ޓީމަކީ ވެސް ޔުވެންޓަސް އެވެ. އެހެންކަމުން، އެ ޓީމުން މިވަގުތު އޮތީ ހަ ޕޮއިންޓާއެކު ލީގު ތާވަލްގެ އެއްވަނައިގައެވެ.

ވެރޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސް އިން ޖެހި ފުރަތަމަ ލަނޑު، 28 ވަނަ މިނެޓުގައި ވްލާހޮވިޗް ކާމިޔާބުކޮށްދިނީ ޕެނަލްޓީސްޕޮޓް ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ފަހުން ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ވްލާހޮވިޗް މި ލަނޑުޖެހީ އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު، މެނުއެލް ލޮކަޓެލީ ވާތްފަރާތުން ދިން ބޯޅައެއް ހޯދުމަށްފަހު ކެނާން ޔިލްޑީޒް ޖައްސާލި ޕާހެއްގެ އެހީގައެވެ.

ފުރަތަމަ ހާފު ނިމުމުގެކުރީން، ޔުވެންޓަސްގެ ދެވަނަ ލަނޑުޖަހައިދިނީ ޑިފެންޑަރު، ނިކޮލޯ ސަވޯނާ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމުގެ ބެލްޖިއަމްގެ ޒުވާން ވިންގް، ސެމުއެލް އެމްބަންގުލާ ދިން ބޯޅައެއްގެ އެހީގައި ސަވޯނާ މި ލަނޑުޖެހީ ބޮލުންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޔުވެންޓަސްގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ވްލާހޮވިޗް އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ވްލާހޮވިޗް މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އެ ޓީމުގެ އެމްބަންގުލާ އަށް ޕެނަލްޓީއޭރިޔާ ތެރެއިން ވެރޯނާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔުވެންޓަސް އިން ރޭގެ މެޗާއި ހަމައަށް އައިއިރު ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު 8 މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް މޮޅުވެފައެއްނުވެއެވެ. އަނެއްކޮޅުން، މިއީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ލީގުގެ ފުރަތަމަ ދެ މެޗުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި 2007/2008 ވަނަ އަހަރުގެ ސީޒަނުގައި އެނބުރި ފުރަތަމަ ޑިވިޝަނަށް އައިފަހުން ލީގުގެ ފުރަތަމަ ދެ މެޗުން މިހާތަނަށް މޮޅުވެފައިވަނީ ވެސް 2014/2015 ވަނަ އަހަރުގެ ސީޒަނުގައެވެ.

ލީގުގައި ޔުވެންޓަސް އަށް ދެން އޮތީ އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމައެދުވަހު ރަށުން ބޭރުގައި ވެރޯނާ ބައްދަލުކުރާނި ޖެނޯއާ އާ އެވެ.