ޚަބަރު

ބޭރު ފައިސާ، ބޭންކިން ނިޒާމުގެ ތެރޭގައި މާރުކުރަން މަޖުބޫރުކުރަން އެމްއެމްއޭގެ ޤަވާއިދުތައް އިސްލާހުކުރަނީ


ބޭރުފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްވާގޮތަށް ކަނޑައަޅައި، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ބައެއް ރެގިއުލޭޝަންތައް ބަދަލުކުރަން އެބޭންކުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ބޭރުފައިސާއިން އާމްދަނީ ލިބޭ ގިނަ ކުންފުނިތަކެއް ހިންގަމުންދާކަމަށެވެ. އަދި އެފައިސާ މިހާރު މާރުކުރަނީ ކަޅުބާޒާރުގައިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމްއެމްއޭގެ ބައެއް ޤަވާއިދުތަކަށް އެބޭންކުން ބަދަލު ގެންނާނެކަމަށެވެ. އެކަން ކުރުމަށް މަޝްވަރާ އަރުވާފައިވާ ކަމަށާއި، އެކަމާގުޅޭ މަސައްކަތް މިހާރު ކުރިއަށްދާކަމުގެ ޔަޤީންކަން ގަވަރުނަރު ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުގެ މަނިޓަރީ އަދި މަނީޗޭންޖަސް ރެގިއުލޭޝަނަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ބޭރު ފައިސާން އާމްދަނީ ލިބޭ ކުންފުނިތަކުން ކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރުން ހުއްޓުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ބޭންކުތައް މެދުވެރިކޮށް ފައިސާ މާރުކުރަން މަޖުބޫރުވެގެންދާނެކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު ހިފެހެއްޓުމަށް އެމްއެމްއޭގެ ޤަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަދި ހަމައެހެންމެ ރާއްޖެއަށް އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުތަކުގެ ނަފާ، ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިއްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް ޤަވާއިދު އިސްލާހުކުރުމަށް ވަނީ ނިންމަވާފައި. އޭގެ ސަބަބުން ރާއްޖޭގައި ޑޮލަރު ހިފެހެއްޓި އޭގެ ފައިދާ ކުރާނެ " ރައީސުލްޖުމްހޫރިއްޔާ ވިދާޅިވިއެވެ.

މިބަދަލުތަކުގެ ސަބަބުން ރާއްޖޭގައި ފައިސާ މާރުކުރާ ވިޔަފާރިކުރާ ފަރާތްތައްވެސް ބޭންކިން ނިޒާމާއި ގުޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއެކު ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވި ހިފެހެއްޓިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ގިނައިން ކުރަނީ ބޭރުގެ ފަރާތްތައް ކަމުން ބޭންކުން ކަނޑައަޅާ ބޭންޑަށް ވުރެ އަގު މަތިވުމުން ރައްޔިތުން އެފަރާތްތަކުގެ އަތުން ފައިސާ މާރުނުކުރާނެކަމަށެވެ.

އަދި އެކަންކަން ތަންފީޒު ކުރުމަށް ވަގުތު ނަގާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ އިސްލާހުތައް ގެނައުމަށް ރައްޔިތުންނާއި ވިޔަފާރިތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. އަދި އެމަގުން ކަންކަން ކުރެވުމުން ޑޮލަރުގެ ކަޅުބާޒާރު ހަމަމަގަށް އެޅި، ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު ހިފެހެއްޓި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކަށް، ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކުމުގެ ފުރުސަތުދިނުމަށް ޓެކްސް ޤާނޫނަށް އިސްލާހު ގެނެސް ޑޮލަރުން ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކޭނެ ގޮތަށް ޤާނޫނު ބަދަލު ކުރައްވަން ސަރުކާރުން ނިންމަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ކުންފުނިތަކުން ޑޮލަރުން މުސާރަ ދޭނަމަ، ޕެންޝަނަށް ޖަމާވާ ފައިސާވެސް ޑޮލަރުން ދޭ ގޮތަށް ހަމަޖެެއްސުމަށް ޕެންޝަން ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ޑޮލަރުން ކަސްޓަމްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމަށް ޤާނޫނު އިސްލާހުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ.