ޚަބަރު

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ހުއްދައަށްއެދި ދެން ހުށަހަޅަންޖެހޭނީ އެމްއެފްޑީއޭއަށް


  • ޚިދުމަތް މެދުކެނޑެނީ އެމްއެފްޑީއޭއަށް ޚިދުމަތްތައް ބަދަލުކުރުން ކުރިއަށްދާތީ

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ އޮގަސްޓް 23ގައި

ކާބޯތަކެތީގެ ޚިދުމަތަށް ލައިސަންސް ދިނުމާއި ރެޖިސްޓަރ ކުރުމަށް ވަންގަވްގެ ތެރެއިން އޮންލައިންކޮށްދޭ ޚިދުމަތް މިއަދުން ފެށިގެން 4 ދުވަހުގެ މުއްދަތަށް މެދުކެނޑޭނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މިމަހުގެ 23ވަނަ ދުވަހު ޢަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ޤާނޫނީ ޙައިސިއްޔަތު ލިބިފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޮތޯރިޓީ އަލުން އެކުލަވާލައްވާފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް މި ޤާނުނުގެ ތެރެއިން މަތިކުރާ އެންމެ ބޮޑު އެއް ޒިންމާއަކީ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ދަރަޖަކުރުމާއި ލައިސަންސްދީ ހުއްދަ ދޫކުރުމުގެ މަސައްކަތަކެވެ. މި ޚިދުމަތް ކުރިން ދެމުން އައީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިންނެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، މި ޚިދުމަތްތައް މިހާރު އެމްއެފްޑީއޭގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. މިއާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން "ވަންގަވް" މެދުވެރިކޮށް އޮންލައިންކޮށް ދެމުންދިޔަ ޚިދުމަތްތައް އެ ނިޒާމުގެތެރެއިން އެމްއެފްޑީއޭއަށް ބަދަލުކުރަމުންދާކަމަށެވެ.

އެހެންކަމުން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ދެމުން ގެންދިޔަ ޚިދުމަތްތައް އޮތޯރިޓީގެ ދަށަށް ބަދަލުކުރުމަށް، ބުރާފަތި ދުވަހުގެ ނިޔަލަށް އެ ޚިދުމަތް ވަންގަވް ޕްލެޓްފޯމްގައި މެދުކެނޑޭނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

މި ބަދަލާއެކު ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭ، ހޮޓާ، ރެސްޓޯރަންޓްތައް ރެޖިސްޓްރީކުރުމާއި ހުއްދަ ދިނުމުގެ ކަންކަން ދެން ބަލަހައްޓާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. އަދި ކުރިން އެޗްޕީއޭއިން ނަގާފައިވާ ހުއްދަތަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެމްއެފްޑީއޭއިން ހޯދަން ހުށަހަޅަންޖެހެއެވެ.

އައު ޤާނޫނުގެ ދަށުން އެކުލަވާލާ ގަވައިދުގެ ދަށުން، ޤަވައިދާ ޚިލާފަށް ހިންގާ ތަންތަނާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެއެވެ.