ދުނިޔެ

އޮބާމާ ހީރޯޝީމާއަށް ވަޑައިގެންފި


ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާ ސިފައިން ނިއުކްލިއަރ ބޮންއެޅުމުގެ ސަބަބުން މުޅިން ވީރާނާވެގެން ދިޔަ ޖަޕާންގެ ސިޓީއެއްކަމަށްވާ ހީރޯޝީމާއަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

އޮބާމާ ހީރޯޝީމާއަށް ޒިޔާރާތް ކުރެއްވީ ޖަޕާނުގައި ބޭއްވި ޖީ-ހަތެއްގެ ސާޅީސް ދެވަނަ ސަމިޓް ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ. ރައީސް އޮބާމާގެ މި ޒިޔާރަތާއެކު، އޭނާ ހިމެނިވަޑައިގެންފައިވަނީ ވެރިކަމުގައި ހުންނަވައިގެން އެތަނަށް ޒިޔާރަތްކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސަށެވެ.

ހީރޯޝީމާއަށް އެމެރިކާ ސިފައިން ބޮންއެޅި މައްސަލައިގައި ޖަޕާންގެ ކިބައިން މަޢާފަށް އެދިވަޑައިނުގަންނަވާނެކަން އޮބާމާ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމައިގައި މަރުވެގެންދިޔަ އެންމެންނަށް އިޙްތިރާމް އަދާކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިދަތުރުފުޅުގެ ތެރެއިން ޖަޕާންގެ މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ މިދަތުރުފުޅުން ދައްކައިދޭ އެއްކަމަކީ ޒަމާނެއްގައި ހަތުރުންގެ ގޮތުގައި ތިބި ބަޔަކުވެސް ވަރަށް ގާތް ރަޙުމަތްތެރިންނަށް ބަދަލުވެގެން ހިނގައިދާނެކަން ކަމުގައެވެ. އަދި ކޮންމެ މަޤްޞަދެއްގައި ކުރިނަމަވެސް ހަނގުރާމައިގެ ނަތީޖާއަކަށް އަބަދުވެސް ވާނީ އިންތިހާ ދަރަޖައިގެ ހިއްދަތިކަމާއި ގެއްލުން ލިބުންކަން ހިރޯޝީމާއިން ހަދާންކޮށްދޭ ކަމުގައިވެސް އޮބާމާ ވިދާޅުވިއެވެ. 1945 ވަނަ އަހަރުގެ އޮގަސްޓް ހަވަނަ ދުވަހު ހީރޯޝީމާއަށް ނިއުކްލިއަރ ބޮން އެޅުމުގެ ސަބަބުން ސަތޭކަ ސާޅީސްހާސް މީހުން މަރުވެފައިވެއެވެ. އަދި އޭގެ ދެދުވަސް ފަހުން ނާގަސާކީއަށްވެސް ބޮން އެޅުމުގެ ސަބަބުން ހަތްދިހަ ހަތަރުހާސް މީހުން މަރުވެފައިވެއެވެ.

ހަގުރާމައިގައި މަރުވެފައިވާ މީހުންގެ ހަދާނުގައި ހަދާފައިވާ މަޤްބަރާއަށް، ރައީސް އޮބާމާގެ ދަތުރުފުޅުގައި ވަޑައިގެން އެތާނގައި މާބޮޑިއެއް ބާއްވަވާފައިވެއެވެ. އަދި ބޮންއެޅި ހާދިސާއިން ސަލާމަތްވި ބައެއް ފަރާތްތަކާ ބައްދަލުކުރެއްވިއެވެ. އެތަނުގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދަޅުވީ ހީރޯޝީމާގެ ކަންތައް ހަދާނުން ފިލާދިޔަދީގެން ނުވާނެ ކަމަށެވެ.