ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.8 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިފިއެވެ.
މާލީ ވުޒާރާއިން ވިއްކާފައިވަނީ ޖުމްލަ 1.8 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ.
• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.3 ބިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 20 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 231 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 294 މިލިޔަން ރުފިޔާގެ ޓީ-ބިލް
ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.
ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.
ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.
ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް 1.8 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވަމުންނެވެ. އެގޮތުން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް މުރާޖަޢާކުރުން، ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން، ޖީއެސްޓީ އިދާރީ ޤާނޫނު މުރާޖަޢާކޮށް ޓެކްސް ބޭސް ފުޅާކުރުން، ގްރީން ޓެކުހުގެ ރޭޓުތައް މުރާޖަޢާކުރުން އަދި އިޤްތިސާދަށް ތަފާތު ޙަރަކާތްތައް އިތުރުކުރުން ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ 2027ވަނަ އަހަރުގެ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހެދުމެވެ. އެހެންކަމުން މި ފިޔަވަޅުތަކާއެކު ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު އެހެން މަގުތައްވެސް ތަނަވަސްކުރުމުގެ މަސައްކަތްދަނީ ހަލުވި ދުވެލީގައި ކުރެވެމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ މާލީ ދާއިރާ ފުޅާކުރުމާއި، ދަނޑުވެރިކަމުގެ އިޤްތިސާދީ ސަރަހައްދު ތަރައްޤީކުރުން ހިމެނެއެވެ.