ޚަބަރު

މިއަހަރުވެސް، އަންނަ އަހަރުވެސް އިޤްތިޞާދު ކުރިއަރާނެ: އިޤްތިޞާދީ ވަޒީރު


  • މިއަހަރު 4.1 އިންސައްތައިގެ ކުރިއެރުމެއް

  • އަންނަ އަހަރު 6.1 އިންސައްތައިގެ ކުރިއެެރުމެއް

މިއަހަރުވެސް، އަންނަ އަހަރުވެސް އިޤްތިޞާދު ކުރިއަރާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ މާލީ ޙާލަތު އޮތީ ނާޒުކު ފައްތަރެއްގައިކަން ރަތްޔިތުންނަށް ވަރަށް ސާފުކޮށް ހާމަވާނެކަމަށެވެ. އެކަމާއި ގުޅިގެން ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކަށްވެސް ވެފައިވަނީ އިޤްތިޞާދު ފުޅާކޮށް މާލީ ޙާލަތު ރަނގަޅުކުރުމާއި ދަރަނިތައް އަދާކުރުމަށްކަމަށެވެ.

ވަޒީރު ވިދާޅުވީ ވަޒީރުންގެ މަޖިލީހާއި އިކޮނޮމިކް ކައުންސިލުން އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް، ރާއްޖެއަށް ވަންނަ އާމްދަނީ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތަކަށް ސިޔާސަތުތަކެއް ބައްޓަންކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިޞާދު މިއަހަރުގެ ބާކީ ބައި އަދި އަންނަ އަހަރުގައިވެސް ކުރިއަރައިގެންދާނެކަމަށް އަންދާޒާތަކުން ދައްކާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަހަރުގެ ބާކީ ބައިގައި ރާއްޖޭގެ އިޤްތިޞާދު %4.1 ކުރިއަރާނެ. އަދި އަންނަ އަހަރު %6.1 އިޤްތިޞާދު ކުރިއަރާނެކަމަށް މާލީ ދިރާސާތަކުން ދައްކަނީ. މިއީ ސަރަޙައްދަށް ބަލާއިރު ކުޑަ ކުރިއެރުމެއް ނޫން." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެއވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް 3 އަހަރު ރާއްޖޭގެ މާލީ ނިޒާމަށް އަންނާނެ ބަދަލުތަކާއި ގުޅޭ ރަނގަޅު ފިސްކަލް އަންދާޒާތަކެއްވެސް ހަދާ، އޭގެ ރިޕޯޓްތައްވެސް ހަދާފައިވާކަމަށެވެ. މީގެއިތުރުން މަޖީލީހުގެ ތެރެއިން ކުރަމުންދާ މަސައްކަތާ، ޑިވެލޮޕްމަންޓް ބޭންކް އަދި ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނާއެކުވެސް މުހިންމު ބަދަލުތަކެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގެ އިޤްތިޞާދި ހަމަމަގަށް އެޅި، ހަރުދަނާ އިޤްތިޞާދެއް ބިނާކުރެވޭނެކަމަށް ދެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.