ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު އުވާލައިފި


  • ކުރީގެ ނިންމުން ބަދަލުކުރީ މަރުކަޒީ ބޭންކުގެ އިރުޝާދުގެ ދަށުން

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު އުވާލައިފިއެވެ.

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލް އިން ކުރިން ކަނޑައެޅިއެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ބީއެމްއެލަށް އަމާޒުވިއެވެ. ގިނަބައެއް ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައިވެސް ފާޅުކޮށްފައިވެއެވެ.

ބީއެމްއެލުން ނިންމި ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ. އެބޭންކުން ވިދާޅުވީ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލު މިހާރު އަނބުރާ ގެންގޮސްފައިވާކަމަށެވެ. އެ ނިންމުން ނިންމެވީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިރުޝާދުގެ ދަށުންކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

ބޭންކުން ކުރިން ނެރުނު އިއުލާނުގައި ވިދާޅުވީ ބޭންކުން ޑޮލަރުގެ ލިމިޓަށް ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.

އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށްވެސް ބީއެމްއެލް އޭރު ވިދާޅުވިއެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރަންވެސް ބީއެމްއެލުން ނިންމިއެވެ.

އެ ބޭންކުން މި ނިންމުން އަލުން މުރާޖާ ކުރެއްވުމާއެކު ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން 250 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެއެވެ. އަދި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެއެވެ.