ޚަބަރު

ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުވާ 5 އޮފިސަރެއްގެ މައްޗަށް ދަޢުވާކޮށްފި


  • ޖަލުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި 13 އޮފިސަރުން ޙައްޔަރުކުރި

  • އެމީހުންގެ އެކައުންޓަށް އާދަޔާ ޚިލާފު ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާވެފައިވޭ

މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

ޤަވާއިދާ ޚިލާފަށް މާފުށީ ޖަލަށް ތަކެތި ވައްދާކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ހައްޔަރުކުރީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވެފައިވަނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށެވެ. އޭގެތެރެއިން 13 އޮފިސަރެއް ޙައްޔަރުކޮށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ހެކި ލިބިފައިވާކަމަށްވެސް ބުނެފައެވެ.

މި 13 އޮފިސަރުންގެ ތެރެއިން 5 މީހެއްގެ މައްވަށް ދަޢުވާ އުފުލާފައިވާކަަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން އެމީހުންގެ މައްޗަށް ދަޢުވާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށް ޕްރޮސެކުއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

ދަޢުވާ އުފުލި 5 މީހުން:

1. ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް
2. ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް
3. ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް
4. ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ
5. ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި ފަސްމީހުންގެ ތެރެއިން ޖިނާޙް ޢަބްދުއްރަޙީމްއާއި، ޢަލީ ހިޝާމްގެ މައްޗަށް 3 ދަޢުވާއެއް އުފުލާފައިވާކަމަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ.


މީގެއިތުރުން ޢަލީ ނާޡިމްއާއި، މުޙައްމަދު ފަތޫޙު ފަތުޙުﷲއާއި ޢަލީ އަސްފާޤްގެ މައްޗަށް ދެ ދަޢުވާއެއް އުފުލާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ. މި ތިން މީހުންގެ މައްޗަށް ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ. މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވުނު 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.