ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ރާއްޖެވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާ ވަޑައިގެންނެވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް، ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތު ފެށުމުގެ ކުރިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައި.ޕީ.ޔޫ.ގެ ރައީސާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއަރމަންއާއެކު ޚާއްޞަ ބައްދަލުވެއް ބޭއްވެވިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ވަން ޗައިނާ ސިޔާސަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަޤީންކަން ދެއްވައި މަޖިލިސް ރައީސް ވިދާޅުވީ، ޗައިނާއިން މުޅި ދުނިޔޭގައި ޤާއިމުކުރަމުންދާ ސުލްޙަވެރިކަމާއި، އަމަންއަމާންކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ރާއްޖެ ވަޑައިގެންފި pic.twitter.com/8VRrnUaLZ1
— People's Majlis (@mvpeoplesmajlis) August 23, 2024
މަޖިލީހުގެ ރައީސް ވަނީ ޗައިނާގެ ބެއިޖިންގައި ކުރިއަށްދިޔަ "2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް" ގައިވެސް ތަގުރީރުކުރައްވާފައެވެ. މަޖިލީހުގެ ރައީސްގެ ތަގުރީރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާ ވިދާޅުވީ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ވަކި ޚާއްޞަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަމަށެވެ. އެގޮތުން، ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ޚާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ސެމިނަރގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލާވެސް ބައްދަލުކުރައްވާފައެވެ.