ޚަބަރު

11 ބިލުގެ މަސައްކަތް ނިންމައި މެންބަރުން ޗުއްޓީއަށް، %82.9 މަސައްކަތް ނިންމި


  • މި ދައުރުގެ ތެރޭގައި 33 ޖަލްސާ ބާއްވާފައިވޭ

މިހާރު ހިނގަމުންދާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށައެޅި 23 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތް ނިންމައިފިއެވެ. މަޖިލީހުގެ މި ދައުރުގެ މަސައްކަތް ނިންމާލުމަށް ފަހު މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ.

20 ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވާއިރު، މަޖިލީހުގެ އިދާރާއިން ވަނީ އެ ދައުރުގެ ތެރޭގައި ކުރެއްވި މަސައްކަތްތަކުގެ ތަފާސް ހިސާބު ޢާންމުކުރައްވާފައެވެ. އެގޮތުން 28 މެއި އިން 22 އޮގަސްޓަށް މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މަޖިލީހުން ކުރި މަސައްކަތްތަކުގެ ތަފްސީލު:

• 23 ބިލެއް ހުށަހަޅާ 11 ބިލްގެ މަސައްކަތް ނިންމި، 12 ބިލެއް ވަނީ ކޮމިޓީގައި
• ރިޔާސަތުން ހުށަހެޅުއްވި 13 މައްސަލައެއް ނިންމި
• ސަރުކާރުން ހުށަހެޅި ނުވަ މައްސަލައެއް ނިންމި
• 9 ކުއްލި މައްސަލަ ނިންމި
• އެހެނިހެން މައްސަލަތަކާ ގުޅިގެން ހުށަހެޅި 9ރިޕޯޓުގެ މަސައްކަތް ނިންމި
• ވަޒީރުންނާ ސުވާލުކުރުމަށް 12 ސުވާލު ހުށަހަޅައި ސުވާލުކުރެއްވި

މުޅި ޖުމްލަ މި ދައުރުގެ ތެރޭގައި 82.9 އިންސައްތަ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ. އަދި 76 މަސައްކަތް ނިމިފައިވާއިރު، ނުނިމި ހުރީ 63 މައްސަލައެވެ. މި ދައުރުގެ ތެރޭގައި 33 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އަދި އެ ޖަލްސާތަކަށް 75 ގަޑިއިރު ހޭދަކޮށްފައިވެއެވެ.

ފާސްކުރެއްވި ބިލުތައް:

• ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނައަށް އިޞްލާޙު ގެނައުމުގެ ބިލު
• ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް
• ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ފޮރިން އިންވެސްޓްމަންޓްގެ ބިލް
• ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް
• ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް
• ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފަށާނީ އޮކްޓޫބަރު މަހުއެވެ. އެގޮތުން ފުރަތަމަ ޖަލްސާ ބާއްވާނީ އޮކްޓޫބަރު މަހުގެ ތިނެއް ނުވަތަ ހަތެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.