ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލުން ބޭފުޅަކު އައްޔަންކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ. މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރަން ފާސްކުރައްވާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ، މަޤާމު ހުސްވާތާ އެންމެ ލަސްވެގެން ތިރީސް ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނަރަލްގެ މަގާމަށް އައު ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކުރައްވަފައިވާތީ، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަންޖެހޭނެކަމަށެވެ. ނާޒިމް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާ ބޭއްވުމުގެ 3 ދުވަސް ކުރިން މެމްބަރުންނަށް ނޯޓިސް ފޮނުއްވާނެކަމަށެވެ.
"ޕްރޮސިކިއުޓަރ ޖެނަރަލްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމަށް އާ ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހޭކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވޭ. އެހެންނަމަވެސް އަޅުގަނޑުމެން ރިސެސްއަށް ދާތީވެ، ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަންޖެހޭނެ ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަން ކުރެއްވުމަށްޓަކައި. އެއީ ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވުމުން އިއްވަން ބާއްވާ ޖަލްސާ އާއި ދެން ނަންފުޅު ކޮމިޓީއަށް ފޮނުވުނީމަ، ކޮމިޓީން ނިންމާފަ އެންގުމުން ނަންފުޅު ފާސްކުރުމަށް ބާއްވާ ޖަލްސާ" މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޙުސައިން ޝަމީމް ވަކިކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހުއެވެ. ޝަމީމު މަގާމުން ވަކިކުރުމަށް ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވިއެވެ. ވަކިކުރަން ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. މިމައްސަލަ ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ޝަމީމަށްވަނީދީފައެވެ. އެއަށްފަހު ކޮމެޓީން ވަނީ، ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.
ޕީޖީގެ މަގާމުން ހުސައިން ޝަމީމު ވަކިކުރުމަށް ވޯޓަށް އެހުމުގެ ޖަލްސާ ކުރިއަށް ގެންދަވަނިކޮށް އެމަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ވޯޓުގެ ރަނގަބީލް ޖެހުމުގެ ކުރިންވެސް މަޖިލީހުގެ ސެކްރެޓޭރިއަޓުން ޝަމީމް އިސްތިއުފާ ދެއްވިތޯ ރައީސް އޮފީހުން ސާފްކުރެއްވިކަމަށާއި، ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިވަޑައިގެންފައި ނުވާކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވިއެވެ.