ޚަބަރު

ލާމަރުކަޒީ ނިޒާމު އިސްލާޙުކުރަން ބޭނުންވާ ދިރާސާގެ ނަތީޖާ އާދީއްތާގައި ޢާންމުކުރަނީ


  • މި ދިރާސާ ކުރަނީ ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސިޓީން

  • ލާމަރުކަޒީ ނިޒާމައި ގުޅިގެން އާންމުންގެ ޚިޔާލު ހޯދާނެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ހަދަމުން އަންނަ ޢިލްމީ ދިރާސާގެ ނަތީޖާ އާދިއްތަ ދުވަހު އާންމުކުރައްވާނެކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މި ދިރާސާގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހަދަމުންދާ ދިރާސާތައް އާންމުކުރުމުން، އެ ވުޒާރާގެ ޓީމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ޚިޔާލު ހޯއްދަވާނެކަމަށެވެ.

ވަޒީރު ވަނީ ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޤާނޫނީގޮތުން ހުރި ގޮންޖެހުންތައްވެސް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށްވެސް ހައްލެއް ހޯއްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި އަންނަ އާދިއްތަ ދުވަހު ދިރާސާގެ ހޯދުންތައް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި. ޤާނޫނުގައި މިހާރު ހުރި ފުރިހަމަ ކުރުމަށް ފާހަގަކުރެވޭ ކަންތައްތަކާ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ނުވަތަ ނިޒާމަށް މަސައްކަތް ކުރަމުންދާއިރު ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިވާ އެހެން ޤާނޫނުތައް ދެނެގަނެގަތުމުގެ މަސައްކަތްތައް ވެސް މިދަނީ ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ އެމްއެންޔޫގެ ދިރާސާތައް އާންމު ކުރުމާއެކު އަޅުގަނޑުމެންގެ ޓީމުތައް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ދަތުރުކޮށް ރައްޔިތުންގެ ހިޔާލުތައް ހޯދާ ކައުންސިލްގެ މެމްބަރުންނާއި ސިވިލް ސަރވިސްއާ ޑަބްލިޔުޑީސީގެ ހިޔާލުތައް ހޯދައިގެން މި ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނާނަން. ރައްޔިތުންގެ ޚިޔާލުވެސް ޝާމިލުވާނެ މިކަމުގައި" އިދާރީ ދާއިރާތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނައިރު، އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުންގެ ލަފަޔާއެކު އެމަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލަފާ ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ތަޖުރިބާކާރުންގެ މަޝްވަރާގެ އަލީގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި ނިޒާމު ބައްޓަންކުރަންވީގޮތުގެ މައްޗަށް އެހީތެރިކަން ލިބޭނެކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި، މި ބައްދަލުވުމުގައި ޤާނޫނު އަސާސީ އެކުލަވާލުވުމުގެ މަސައްކަތް ކުރެއްވި ބޭފުޅުންނާއި، ލާމަރުކަޒީ ނިޒާމު ތައާރަފު ކުރުމަށްޓަކައި ދިރާސާ ކުރެއްވި ބޭފުޅުންނާއި، ކުރީގެ ވަޒީރުންނާއި މޭޔަރުންވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

އިދާރީ ދާއިރާތަކާބެހޭ ވުޒާރާއިން މިހާރު ގެންދަވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަގުޗާޓެއް އެކުލަވާލައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކައުންސިލްތަކާއި ބައްދަލުކޮށް ޚިޔާލު ހޯދުމަށް ވަނީ ނިންމަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިޔާލުވެސް ހޯއްދަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.