އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގައި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ބައިވެރިވި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ވަނީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ޖާގަތައް ކަށަވަރުކޮށްފައެވެ.
އެގޮތުން އޭޝިއަން ގޭމްސްގެ ފިރިހެން ސާފިންގައި ދެކުނު އޭޝިއާއަށް ލިބޭ ޖާގަ ރާއްޖެއަށް ކަށަވަރުވީ މެންސް އޯޕަން ބައިގެ ކުއާޓާ ފައިނަލް ހީޓު އެކެއްގައި ރާއްޖޭގެ ހޫދު އަޙްމަދު ވާދަކޮށް، ނެރުނު ނަތީޖާއާ ގުޅިގެންނެވެ. އެގޮތުން މި ހީޓުގެ ތިންވަނައަށް ހޫދު ދިޔައިރު، އޭނާ ވަނީ 9.10 ސްކޯ ކޮށްފައެވެ. ކުއާޓާ ފައިނަލުގައި ދެކުނު އޭޝިއާ ސަރަހައްދުން ވާދަކޮށްފައިވަނީ ހޫދުގެ އިތުރުން އިންޑިއާގެ އެތުލީޓެކެވެ. އެގޮތުން ހީޓު ދޭއްގައި ވާދަކުރި އިންޑިއާގެ ހަރިޝް މުތޫވެސް ތިންވަނައަށް ދިޔައިރު، އޭނާއަށް ސްކޯ ކުރެވުނީ 6.76 އެވެ. މީގެ އިތުރުން މެންސް އޯޕަން ބައިގެ ހަތަރުވަނަ ބުރުގައި ރާއްޖޭގެ ހަތަރު އެތުލީޓެއް ވާދަކުރިއިރު، އިންޑިއާއިން އެ ބުރުގައި ވާދަކޮށްފައިވަނީ ދެ އެތުލީޓުންނެވެ.
މީގެ އިތުރުން އޭޝިއަން ގޭމްސްގެ ސާފިން އަންހެން ޑިވިޝަނުން ރާއްޖެއަށް ފުރުސަތު ލިބުނީ ވިމެން އޯޕަން ބައިގެ ތިންވަނަ ބުރުގެ ހީޓު އެކެއްގައި ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވާދަކޮށް، ހީޓުގެ ތިންވަނަ ހޯދުމުންނެވެ. އެގޮތުން މި ހީޓުގައި އާޔާ ވަނީ 4.2 ސްކޯއެއް ކޮށްފައެވެ. ތިންވަނަ ބުރުގައި ދެކުނު އޭޝިއާ ސަރަހައްދުން ވާދަކޮށްފައިވަނީ އާޔާގެ އިތުރުން ސްރީ ލަންކާގެ އެތުލީޓަކާއި އިންޑިއާގެ އެތުލީޓެކެވެ. އެ ދެ އެތުލީޓުންވެސް ދިޔައީ ވާދަކުރި ހީޓުތަކުގެ ފުލަށެވެ.
މި ނަތީޖާތަކާއެކު ރޭންކިންގައި ރާއްޖެއަށް ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަވެސް ލިބިފައެވެ. އަދި މި ވަގުތު ރާއްޖެ އޮތީ އޭޝިއާ ބައްރުގެ ހަތަރުވަނައިގައެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މިމަހުގެ 17 ގައި ފެށި މިމުބާރާތުގައި އޭޝިއާގެ 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މިމުބާރާތް ނިމޭނީ އަންނަ ހޮނިހިރު ދުވަހެވެ.