ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ހުސެއިން ޝަމީމް ވަކިކޮށްފި


  • ޝަމީމު މަގާމުން ވަކިކުރަން ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވި

  • ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުން

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޝަމީމް ވަކިކުރެއްވީ މިކަމަށްޓަކައި މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައެވެ.

ޝަމީމް މަގާމުން ވަކިކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހުއެވެ. ޝަމީމު މަގާމުން ވަކިކުރުމަށް ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވިއެވެ. ވަކިކުރަން ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. މިމައްސަލަ ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ޝަމީމަށްވަނީދީފައެވެ. އެއަށްފަހު ކޮމެޓީން ވަނީ، ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

ޕީޖީ ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށް ގެންދިޔައިރު، އިދިކޮޅު އެމްޑީޕީ މެމްބަރުންވަނީ މިމައްސަލައާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި، ކޮމެޓީ ސިއްރުކޮށްފައިވަނީ ގަވާއިދަށް ރިޢާޔަތް ނުކޮށް ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ ދެކުނުގެ ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވިއެވެ. މެންބަރު ނާޒިލްގެ އިތުރުންވެސް އެމްޑީޕީ މެންބަރުން ވަނީ ކޮމެޓީ ސިއްރުކުރުން ކުށްވެރިކޮށްފައެވެ.

އެމްޑީޕީން މިކަން ފާހަގަކުރިނަމަވެސް، މަޖިލީހުގެ މެޖޯރިޓީ ނިސްބަތްވާ ޕީއެންސީގެ މެންބަރުން ވަނީ މިމައްސަލައާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން ކޮމިޓީ ސިއްރުކުރީ ގަވާއިދާ ޚިލާފަށް ކަމަށް އެމްޑީޕީން މެމްބަރުން ބުނިނަމަވެސް ކޮމިޓީ ކުރިއަށްދިޔައީ ގަވާއިދާ އެއްގޮތަށްކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި ޝަމީމް މަގާމުން ވަކިކުރަން ޖެހޭ ސަބަބުތައް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ތަކުރާރު ކުރައްވާފައެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމާއި، މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުމާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުންވެސް ޝަމީމް ވަކިކުރަން ހުށައެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުމާއި، އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުމާއި، ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުމުގެ އިތުރުން ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުވެސް ޝަމީމް ވަކިކުރަން ހުށައެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ޕީޖީގެ މަގާމުން ހުސައިން ޝަމީމު ވަކިކުރުމަށް ވޯޓަށް އެހުމުގެ ޖަލްސާ ކުރިއަށް ގެންދަވަނިކޮށް އެމަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ވޯޓުގެ ރަނގަބީލް ޖެހުމުގެ ކުރިންވެސް މަޖިލީހުގެ ސެކްރެޓޭރިއަޓުން ޝަމީމް އިސްތިއުފާ ދެއްވިތޯ ރައީސް އޮފީހުން ސާފްކުރެއްވި ކަމަށާއި، ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވިއެވެ.