ޚަބަރު

ޓްރިޕިއާ ނިއުކާސަލް ދޫކޮށްލަން ބޭނުންވޭ: ރިޕޯޓު


ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުންއަންނަ އިނގިރޭސި ފުލްބެކް، ކިއެރަން ޓްރިޕިއާ ގަވާއިދުން ކުޅުމުގެ ފުރުޞަތު ހޯދުމުގެ ގޮތުން މި މަހުގެ ތެރޭގައި އެ ކްލަބު ދޫކޮށްލަން ބޭނުންވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޓްރިޕިއާ، 33، އަކީ ނިއުކާސަލްގެ މިހާރުގެ ވެރިން އެ ކްލަބާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ގެނައި ކުޅުންތެރިޔާ އެވެ. 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ޓްރިޕިއާ އެ ޓީމަށް ބަދަލުވީ، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުންނެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އެ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ.

ނަމަވެސް، މި ފަހަރުގެ ސީޒަނުގެ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ޓްރިޕިއާ އަށް ފަށަން ޖެހުނީ ބެންޗުންނެވެ. މެޗުގެ ބޮޑުބައި އެއްކުޅުންތެރިއަކު މަދުކޮށް ނިއުކާސަލް ކުޅުނުއިރު، ސައުތެމްޓަން އަތުން މޮޅުވީ 1-0 އިންނެވެ. ނިއުކާސަލްގެ ކޯޗު، އެޑީ ހޯވް، އެ މެޗުގައި ޓްރިޕިއާގެ ބަދަލުގައި ފުރުޞަތު ދިނީ ކުރީން ސައުތެމްޓަނަށް ކުޅުނު ފުލްބެކް، ޓީނޯ ލިވަރަމެންޓޯ އަށެވެ.

ބެލެވޭގޮތުގައި ޓްރިޕިއާ އަށް ފުރަތަމަ އެގާރައިން ޖާގަ ގެއްލުނީ، އަނިޔާގެ ސަބަބުން ނިމިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ފޯމުގައި ނުކުޅެވި، ބައެއް މެޗުތަކުގައި ބޮޑެތި ގޯސްތަކެއް ހެދުމުގެ ސަބަބުންނެވެ. ކުރީން ޓޮޓެންހަމަށް ކުޅެފައިވާ ޓްރިޕިއާ އަށް ނިއުކާސަލް އާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ.

މީގެކުރީން، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ އިތުރުން ސައުދީ ޢަރަބިއްޔާ އިން ވަނީ ޓްރިޕިއާ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް، ނިއުކާސަލުން ވަނީ އެ ކަމަށް ބީރު ކަންފަތެއް ދީފައެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ޓްރިޕިއާ މިހާރު މަސައްކަތްކުރަމުންދަނީ ކުރީން ބާންލީ އަށް ކުޅުނުއިރު އެ ޓީމުގެ ކޯޗަކަށް ހުރި ޝޯން ޑައިޗް މިހާރު އިރުޝާދުދެމުން އަންނަ އެވަޓަންއާ ގުޅުމަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން، ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުން، ޑައިޗް ބުނީ، ޓްރިޕިއާ އަކީ އެ ކްލަބުން ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.

އަދި ޓްރިޕިއާގެ ނަމާއި ގުޅުވިގެންދިޔައީ އޭނާގެ ކްލަބަށް މިވަގުތު ކަނާތު ފުލްބެކެއް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅުގައި ޖާދުލުން ކަމަށް ވެދާނެ ކަމަށް މަޖާޒީގޮތަކަށް ޑައިޗް ބުންޏެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއްގެ ހިޔަނި އެޅިފައިވާ އެވަޓަން އަށް މިވަގުތު ކަނާތު ފުލްބެކެއްގެ މުހިއްމުކަން އިތުރުވީ، އެންމެ ފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭޝްލީ ޔަންގަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. މިއާއެކު، އެ ޓީމަށް ދެން އޮތް ޓޮޓެންހަމް ހޮޓްސްޕާ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

ޓްރިޕިއާ ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް 54 މެޗު ހަމަކޮށްފައެވެ. އޭގެތެރޭގައި އިންގްލެންޑުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ހަ މެޗު ހިމެނެއެވެ. އެ ޓީމުން ރަނަރަޕް މަގާމު ހޯދިއިރު، ފައިނަލް މެޗުގައި ޓްރިޕިއާ ފަށަން ޖެހުނީ ބެންޗުންނެވެ. އޭރުގެ އިނގިރޭސި ކޯޗު، ގަރެތު ސައުތުގޭޓް، ޓްރިޕިއާގެ ބަދަލުގައި އިހްތިޔާރުކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ލޫކް ޝޯ އެވެ.