މިމަހުގެ 11އިން 14އަށް ވިލާ ނޯޓިކާގައި ކުރިއަށްދިޔަ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓަކީ، ބައިނަލްއަޤްވާމީ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ ނަން އައު އުސްމިންތަކަކަށް އުފުލައިދިން ތާރީޚީ ހަރަކާތެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މި ސަމިޓުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގެންނެވި މަންދޫބުންނަށް ދިވެހިން ކީ ހޫނު މަރުހަބާއާއި، ކަންކަން އިންތިޒާމު ކުރުމުގައި ދެއްކި ފުރިހަމަކަމުގެ ސަބަބުން، މި ސަމިޓު ވެގެން ދިޔައީ ބައިވެރިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދި ބައްދަލުވުމަކަށެވެ.
ސަމިޓުގެ ބައިވެރިންގެ ޝުއޫރުތަކަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގައި މި ސަމިޓު ބާއްވާކަން އެނގުނު ހިސާބުން ބައިވެރިންގެ ހިތްތަކަށް ލިބުނު އުފާވެރިކަމެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ވީތީ، އެފަދަ ރީތި ޖަޒީރާ ޤައުމެއްގައި އޮތް ފަންނީ ސަމިޓެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެބޭފުޅުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ގިނަ ބައިވެރިން ވަނީ ސިފަކޮށްފައެވެ.
"އެންމެ ފުރަތަމަވެސް މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވުމަށް އަޅުގަނޑު މަސައްކަތްކުރާ އޯގަނައިޒޭޝަނުން ބުނީމަ ބެލިންދޯ މިއަހަރު ކޮންތާކުތޯ ސަމިޓު އޮންނާނީ. ބަލާލީއިރު މިއޮތީ ރާއްޖޭގައި. އަދި ދުވަހަކުވެސް ރާއްޖެ ނާދެވޭތީވެ މިފަހަރު ސަމިޓަށް އާދެވޭތީވެ ހަމަ ވަރަށް އުފާވެފަ ހުރީ." ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި މެލޭޝިއާގެ މީޑިއާއެއްގެ މަންދޫބެއް ބުންޏެވެ.
"ރާއްޖޭގައި ސަމިޓު އޮންނަކަން އެނގުމާއެކު އުންމީދު ކުރެވުނީ ހަމައެކަނި ރީތި މަންޒަރުތަކެއް ފެންނާނެ ކަމަށް. އެކަމަކު މިތަނަށް އާދެވުމުން ފެނިގެން މިދިޔައީ ދިވެހިންގެ ހީވާގިކަމާއި، ކަންކަން ރޭވުމުގައި ހުރި ފުރިހަމަކަން. މިއީ އަޅުގަނޑުމެންގެ އުންމީދުތަކަށްވުރެވެސް މާ މަތީ ފެންވަރެއް،" ސިންގަޕޫރުގެ މީޑިއާއެއް ތަމްސީލުކުރި މަންދޫބެއް ބުންޏެވެ.
ސަމިޓުގެ އިންތިޒާމުތައް ހުރި ގޮތާ މެދު ބައިވެރިން ވަނީ ތައުރީފުކޮށްފައެވެ. އެއާޕޯޓުން މަރުހަބާ ކީ ހިސާބުން ފެށިގެން، ކޮންމެ މަންދޫބަކަށް ދިން ޚާއްސަ ސަމާލުކަމާއި، ސެޝަންތައް ވަގުތަށް ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
ވަކިން ޚާއްސަކޮށް، ޓެކްނޮލޮޖީއާ ގުޅޭ ސަމިޓަކަށް ވީތީ، މުއާސަލާތީ ވަސީލަތްތަކާއި އިންޓަނެޓްގެ ޚިދުމަތް ރިސޯޓެއްގެ މާހައުލުގައި އެހާ ފުރިހަމައަށް ލިބެން ހުރުމަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ބައިވެރިން ސިފަކުރިއެވެ. ބައެއް މަންދޫބުން ބުނި ގޮތުގައި، ދިވެހިންގެ ހިތްހެޔޮކަމާއި ހިނިތުންވުމާއެކު ދިން މެހެމާންދާރީގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި އުޅުނު ނަމަވެސް އެބޭފުޅުންނަށް އިހުސާސް ކުރެވުނީ އަމިއްލަ ގޭގައި އުޅެވޭ ފަދަ އަމާންކަމެކެވެ.
މި ސަމިޓުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްލިނަރީ ސެޝަންތަކަށް ބަލާއިރު މި ސެޝަންތައް ވެގެން ގޮސްފައިވަނީ، ފަންނީ ގޮތުންނާއި އިލްމީ ގޮތުން ބައިވެރިންނަށް އެތައް ފިލާވަޅުތަކެއް ލިބިގެންދިޔަ ސެޝަންތަކަކަށެވެ. މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ބޭއްވި ހައި ލެވެލް މިނިސްޓީރިއަލް ސެޝަނުން ފެށިގެން، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސް އޭއައި މީޑިއާގެ މަސައްކަތްތަކަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތައް ވެގެން ގޮސްފައިވަނީ ބައިވެރިންނަށް ވަރަށް ކަމުދިޔަ ސެޝަންތަކަކަށެވެ.
"ވަރަށް ރަނގަޅު މިތަނުގައި މިދިޔަ ސެޝަންތައްވެސް. ވަކިން ޚާއްސަކޮށް އޭއައި އާ ގުޅުވައިގެން ގެންދިޔަ ޕްލިނަރީ ސެޝަން. އޭގައި އަސްލު ބައެއް މީޑިއާތަކުގެ ނޫސްވެރިންނާއި އެޑިޓަރުން އަދި ކްރިއޭޓިވް ޑިރެކްޓަރުން މިހާރުވެސް ބޭނުންކުރަމުންދާކަން އެނގިގެންދިޔަ. އަދި އެ މީޑިއާތަކުން އޭއައި ބޭނުންކުރާނެ ގޮތްތައްވެސް ކިޔައިދިން. ވަރަށް މުހިންމު މައުލޫމާތުތަކެއް އެނގިގެންދިޔައީ." ބައިވެރިއަކު ޕީއެސްއެމްއަށް ކިޔައިދިނެވެ.
ސަމިޓުގެ ބައިވެރިންގެ މެދުގައި ދެކެވުނު ވާހަކަތަކުން އެނގުނު އަނެއް ކަމަކީ، ރާއްޖޭގެ މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަމެވެ. ޕީއެސްއެމްގެ ފަރާތުން މިފަދަ ބޮޑު ސަމިޓެއް ބޭއްވުމުގައި ދެއްކި ހުނަރުވެރިކަމަކީ އެހެން ޤައުމުތަކަށް ނަމޫނާއެއް ކަމަށް ބައިވެރިން ބުންޏެވެ. ކޮންމެއަކަސް އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމު ކުރި މި ސަމިޓު ވެގެެންގޮސްފައިމިވަނީ ވަރަށްވެސް ފުރިހަމަ ސަމިޓަކަށެވެ.