އިނގިރޭސިވިލާތުގެ ޞިއްޙީ ވަޒީރު، ވެސް ސްޓްރީޓިންގ މަޤާމުން އިސްތިޢުފާ ދެއްވައި ލޭބަރ ޕާޓީގެ އިސްވާރު އަލުން ހޮވުމަށް އިންތިޚާބު ބޭއްވުމަށް ގޮވާލައްވައިފިއެވެ. އިންތިޚާބު ބާއްވައި މިހާރުގެ ލީޑަރު ކީރް ސްޓާމަރ ނާކާމިޔާބުވެވަޑައިގެންފި ނަމަ ބޮޑުވަޒީރުގެ މަޤާމުން އޭނާ ވަކިވެވަޑައިގަންނަވާނެއެވެ.
ސްޓްރީޓިންގ ވަނީ ސަރުކާރުގެ ސިޔާސީ މިސްރާބު ގެއްލެމުންދަނީ ސްޓާމަރގެ ސަބަބުން ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި ސަރުކާރުގެ ނާކާމިޔާބީތައް އެހެން މީހުންގެ ބޮލުގައި އަޅުވައްވަވައި ޒިންމާ ނެގުމުން ރެކޖިވަޑައިގަތުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސްޓްރީޓިންގ މަޤާމުން އިސްތިޢުފާ ދެއްވާފައި މި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި އިނގިރޭސިވިލާތުގެ އިންތިޚާބުތަކެއްގައި ލޭބަރ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައި ވަނިކޮށެވެ. އޭގެ ސަބަބުން ބޮޑުވަޒީރު ކީރް ސްޓާމަރއާއި ވެރިކަންކުރާ ލޭބަރ ޕާޓީއަށް ވަނީ ރައްޔިތުންގެ ބޮޑު ނުރުހުމަކާ ކުރިމަތިލާން ޖެހިފައެވެ. ލަންޑަނާއި ސިނާޢީ ސަރަޙައްދުތަކުން ލޭބަރ ޕާޓީއަށް ލިބުނު ގޮނޑިތައް ވަނީ ރިފޯމް ޔޫކޭއާއި ގްރީން ޕާޓީގެ ދަށަށް ބަދަލުވެފައެވެ. ސަރުކާރަށް ހެދުނު ގޯސްތަކަށް ސްޓާމަރ މަޢާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ވިދާޅުވީ އިސްތިޢުފާ ނުދެއްވާނެ ކަމުގައެވެ. ނަމަވެސް، ލޭބަރ ޕާޓީގެ 20 އަށްވުރެ ގިނަ މެންބަރުން ވަނީ ބޮޑުވަޒީރުގެ އިސްތިޢުފާއަށް ގޮވައިލައި، 2029 ގެ އިންތިޚާބުގެ ކުރިން އައު އިސްވާރެއް ޢައްޔަންކުރުމަށް ބާރުއަޅާފައެވެ.
ސްޓްރީޓިންގ ވިދާޅުވީ ސަރުކާރުގެ މަޤްޞަދެއް އޮތް ކަމަށް މިހާރު ނުފެންނަ ކަމަށާއި، ޕާޓީއަށް އިސްވާރުން ކަނޑައަޅަން ޖެހޭނީ ޝަހުސިއްޔަތަށް ބެލުމުގެ ބަދަލުގައި ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ދެން އޮންނަ އާންމު އިންތިޚާބާ ހަމައަށް ދާއިރު ސްޓާމަރ ލޭބަރ ޕާޓީގެ އިސްވާރުގެ ގޮތުގައި ހުންނާނެ ކަމަށް ނުބެެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.
ސްޓާމަރ މަޤާމުން އިސްތިޢުފާ ދެއްވުމަށް ނުވަތަ މަޤާމުން ދުރުކުރުމަށް ގޮވާލައްވާފައިވާ ސަރުކާރުގެ ފުރަތަމަ އިސް ވަޒީރަކީ ސްްޓްރީޓިންގއެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންގެ މެދުގައި އެ މައްސަލައާ މެދު ޚިޔާލު ތަފާތެވެ. ބައެއް އިސްވެރިން އަދިވެސް ތިއްބެވީ ސްޓާމަރގެ ފަހަތުގައެވެ. ނަމަވެސް އިސްވާރުގެ މަޤާމަށް ސްޓާމަރއާ ދެކޮޅަށް ކުރީގެ ބޮޑުވަޒީރުގެ ނައިބު އެންޖެލާ ރޭނާއާއި ގްރޭޓަރ މެންޗެސްޓަރގެ މޭޔަރު އެންޑީ ބަރންހަމްއާއި ހަކަތައިގެ ރައްކާތެރިކަމާއި ނެޓް ޒީރޯ ވަޒީރު އެޑް މިލިބޭންޑް ވާދަކުރެއްވުން އެކަށީގެންވެއެވެ.