ތިމާވެށި

ބ.މާޅޮސް - ކުނި ނައްތާލުމުގައި ނަމޫނާ ރަށެއް


ރައްކާތެރި ގޮތުގައި ކުނިނައްތާލުމާއެކު، ކުނި ބޭނުންކޮށްގެން ނަފާއެއް ހޯދުމަކީ، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ވާނެކަމެއްކަން ސާބިތުކޮށްދީފައިވާ އެއްރަށަކީ ބ.އަތޮޅު މާޅޮހެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބ. މާޅޮހަކީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގައި މުޅި އަތޮޅަށާއި، ރާއްޖެއަށް ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ.

ބ.މާޅޮހުގެ މިވަގުތުގެ ޙާލަތަށް ބާލާއިރު، ރާއްޖޭގެ ގިނަ ރަށްރަށާ ޚިލާފަށް އެރަށަކީ، ކާޅުގެ އުނދަގޫ ކުޑަ ރަށެކެވެ. ސަބަބަކީ، ރައްކާތެރިގޮތުގައި ކުނި ނައްތާލަން ފެށުމުން، ކާނެ އެއްޗެއް ނުލިބި، ގިނަ ކާޅުތައް މާޅޮސް ދޫކޮށް ދިއުމެވެ. މިއީ ރަށުގެ ހުރިހާ ސަރަޙައްދެއްގައި ޑަސްބިންތައް ބަހައްޓައި، ކުނިވާ ޒާތުގެ ކުނިތައް ވީހާވެސް އަވަހަކަށް ގަސްކާނާއަށް ބަދަލުކުރުމުގެ ނަތީޖާއެވެ. ކާޅުގެ އިތުރުން، ބުޅަލާ މީދާވެސް ރަށުން މަދުވެފައިވާކަން މާޅޮހު ކައުންސިލުން ފާހަގަކުރެއެވެ.

img:http://s4.psmnews.mv/images/660x400/14642647848412.jpg|މާޅޮހު ކައުންސިލް މެންބަރ އަބްދުލް މަތީން(ކ)، ކުނި މެނޭޖްކުރާ ސެންޓަރުގައި ހަރަކާތްތެރިވަނީ- ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

މާޅޮހުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް މެކުހަށްޖެހީ، ރަށުގެ ހުރިހާ ސަރަޙައްދެއްގައި ޑަސްބިންތައް ބެހެއްޓުމުން، ރަށުގެ ރައްޔިތުންގެ ފަރާތުން ރަށު ކައުންސިލަށް ލިބުނު ތަރުޙީބުގެ ސަބަބުންނެވެ. އުތުރު ސަރަޙައްދުގެ ކުނި ނައްތާލުމުގެ މަޝްރޫޢުގެ ތެރެއިން މާޅޮހުގެ ކުނިގޮނޑު އަޕްގްރޭޑް ކުރެވި، ރަށުގެ ރައްޔިތުންގެ ހިތްވަރުން ކުނި އުފުލުމަށް ޕިކަޕެއްވެސް ހޯދިއެވެ. އުތުރު ސަރަޙައްދުގެ ކުނީގެ މަޝްރޫޢުގެ ދަށުން އެރަށުގެ ކައުންސިލަރަކު، ސްރީލަންކާއަށް ވަޑައިގެން ހޯއްދެވި ތަޖުރިބާތަކާއެކު ދެން ފެށިގެންދިޔައީ ގަސްކާނާ ހެދުމުގެ ޕޮރޮގްރާމެވެ. މާޅޮހު ގަސްކާނާއަކީ މިއަދު ބ.އަތޮޅުގެ ދަނޑުވެރިންނާއި، ރިސޯޓްތަކުންވެސް އެންމެ ގަޔާވާ ގަސްކާނާއެވެ.

މާޅޮހު ކައުންސިލް މެންބަރު ޢަބްދުލް މަތީން ވިދާޅުވީ، ގަސް ކާނާ ވިއްކައިގެން ރަނގަޅު ޢާމުދަނީއެއް ކައުންސިލަށް ލިބެމުން އަންނަކަމަށާއި، ކުންޏަކީވެސް ބޭނުންތެރި އެއްޗެއްކަން މިއަދު އެނގިގެންދާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14642647041513.jpg|މާޅޮހު ކުނި މެނޭޖްކުރާ ސެންޓަރުގައި ކުނިން ތައްޔާރުކޮށްފައިވާ ގަސްކާނާ - އެންވާރަމެންޓް މިނިސްޓްރީ

" މިތާ ކައިރި ރިޒޯޓްތަކުންވެސް ގަސް ކާނާ ގަނޭ. އަދި އަންހެންފުށީގައި ދަނޑުވެރިކަން ކުރާ ގަމީރާވެސް ގަސްކާނާ ގެންދޭ. މިހާރު ޑިމާންޑް ވަރަަށް ބޮޑު. ނަމަވެސް ކުނި އުފެދޭ މިންވަރަކުން ގަސްކާނާ ހަދަމުން މިދަނީ. މާޅޮހު ގަސްކާނާ އަކީ އިންޑިޔާ އަދި ލަންކާއިން ގެންނަ ގަސްކާނާއަށްވުރެ ރަގަޅު ގަސްކާނާގެ ގޮތުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. " ގަސްކާނާގެ ޑިމާންޑާ ގުޅޭގޮތުން މަތީން ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ތަރުޙީބުވެސް މަތީން ފާހަގަކުރެއްވިއެވެ. ދުވާލެއްގެ މައްޗަށް 9 ޕިކަޕްގެ މާޅޮހުގައި އުފެދެއެވެ. އެންމެ ގިނައީ ފަތްކުންޏާއި، ދަޅާ ފުޅިފަދަ ތަކެތިކަމަށް މަތީން ވިދާޅުވިއެވެ. ރަށުގެ އެކި ސަރަޙައްދުތަކުގައި ޑަސްބިންތައް ބަހައްޓާފައި ވާއިރު، އެކި ޑަސްބިން ޚާއްސަ ކުރެވިފައިވަނީ އެކި ބާވަތުގެ ކުނި އެޅުމަށެވެ. ކުނި އެޅުމުގައި ރައްޔިތުން ހޭލުންތެރިވެފައިވާ ކަމުގެ ނަތީޖާއަކީ، ކުނި ކޮއްޓަށް ގެންނައިރު ގިނަ ބާވަތުގެ ކުނި ވަކިވެފައި ހުރުމެވެ.

img:http://s4.psmnews.mv/images/660x400/14642648027944.jpg|މާޅޮހު ކުނި މެނޭޖްކުރާ ސެންޓަރު- މިތަނުގައި ކުނީގެ އެކިބާވަތްތައް ބަހައްޓާފައިހުންނަނީ ވަކިން- އެންވާރަމެންޓް މިނިސްޓްރީ

"ރައްޔިތުންގެ ސަޕޯޓް ވަރަށް ބޮޑު. ކުދި ބޮޑު އެންމެންވެސް ކުނި އަޅާނީ އެ ކުންޏެއް އަޅަން ހުންނަ ޑަސްބިނަކަށް. ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގައި އެންމެ ބޮޑު ހިތްވަރަކީ ރައްޔިތުންގެ އެއްބާރުލުން." މަތީން ވިދާޅުވިއެވެ. 

ކުނީގެ މައްސަލަ ޙައްލުކުރުމުގައި ރައްޔިތުންނެކޭ އެއްވަރަށް ކައުންސިލަރުންވެސް މަސައްކަތް ކުރާކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. މާޅޮހުގެ ރަށުތެރެ ސާފުކުރަމުންދާ އަންހެނުންގެ ކޮމެޓީގެ މެންބަރަކު ބުނީ، ކުނި މެނޭޖްކުރަން ފެށިފަހުން ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށާއި، މިއީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ތަރައްޤީއެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. 

މާޅޮހުގެ ރައްޔިތުން މިހާރު ތިބީ، އުތުރު ސަރަޙައްދުގެ ކުނި ނައްތާލުމުގެ ނިޒާމްގެ މަސައްކަތް ފެށި، ރަށު ފެންވަރުގައި ނައްތާނުލެވޭ ފަދަ ކުނިތައް ރަށުން ބޭރުކޮށް، މާޅޮހަކީ އެންމެ ސާފު ރަށަށް ހެދުމުގެ އުންމީދުގައެވެ. ނައްތާނުލެވޭ ފަދަ ކުނިތައް މިހާރު އަންދަމުންދާއިރު، ކުނި އެންދުމަކީ އެރަށުގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫނެވެ. ނ، ރ، ބ، އަދި ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރުމަށް ރ.ވަންދޫގައި އެންމެ ޒަމާނީ ކުނި ނައްތާލާ ނިޒާމެއް ޤާއިމްކޮށް، ރަމަޟާން މަހަށްފަހު އެ މަޝްރޫއު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.