ޚަބަރު

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނާއެކު ބޮޑެތި ބާރުތަކާއި ގިނަ ބަދަލުތަކެއް


  • ތަންތަން ބަލާ ފާސްކޮށް ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް

  • ގޭބިސީތަކުގައި އުފައްދާ ކާބޯތަކެތި ވިއްކުމަށް ލައިސެންސްއެއް ހޯދަންޖެހޭ

  • ކެފޭ ހޮޓާތަކުގައި ތިބޭ ބިދޭސީ މުވައްޒަފުންގެ ދަފްތަރެއް އެކުލަވާލެވި ތަމްރީންދެވޭނެ

  • ކާބޯތަކެތީގެ ތަހުލީލުކުރަން ލެބޯޓަރީއަކާއި އިދާރާތަކުގެ މައްޗަށް އެކުލެވޭ ބޯޑެއް އުފައްދަންޖެހޭ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ ބާރުވެރިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިދޭ "ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު" ތަންފީޒުކުރަން ފަށައިފިއެވެ.

މިއަދު ތަންފީޒުކުރަން ފެށި މިޤާނޫނު ތަސްދީޤުކުރެއްވީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާކަމުގެ ޝަކުވާއަކީ ޢާއްމުންގެ ޒަމާންވީ ޝަކުވާއެކެވެ. އެހެންނަމަވެސް ހަގީގަތަކީ އެމަސައްކަތް ކުރުމަށް ތަންތަން ބަލައި ފާސްކުރުމާއި، އެމްއެފްޑީއޭގެ މިންގަނޑުތަކަށް ސާފުތާހިރުކަން ނުހުންނަ ތަންތަން ބަންދުކުރުމުގެ ބާރު މީގެކުރިން އޮތީ ވަރަށް ބޮޑަށް ހަނިކުރެވިފައިކަމެވެ. މިގޮތުން ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނާއި ކެފޭ ހޮޓާ އަދި ރެސްޓޯރެންޓްތައް ބެލުން ފިޔަވާ ފުޅާދާއިރާއެއްގައި ކާބޯތަކެތި ހަދައިގެން ވިއްކަމުންދިޔަ ދިޔުން ބެލޭނެ ބާރެއް ނިޒާމު އޮތްގޮތުން މީގެކުރިން އެމްއެފްޑީއޭއަކަށް ނެތެވެ.

އެހެންނަމަވެސް އަލަށް ގެނެވުނު ޤާނޫނާއެކު އެބާރުވެރިކަން އެމްއެފްޑީއޭއަށް ލިބި، ކާބޯތަކެތި އުފައްދާ، ވިއްކާ، އަދި ގުދަންކުރާ ތަންތަން ބަލައިފާސްކުރުމާއި، މިންގަނޑަށް ނުހުންނަ ތަންތަނަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިދެއެވެ. ހަމައެއާއެކު ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނީޓަރކުރެވޭ ނިޒާމެއް ޤާއިމުކުރުމަށް އެމްއެފްޑީއޭއަށް ލާޒިމުކުރެއެވެ.
ޤާނޫނުން އެމްއެފްޑީއޭއަށް ބާރުތަކެއް ލިބިދޭއިރު ކަމާބެހޭ ފަރާތްތަކުން މިހާރު އެދޭ އެންމެ ބޮޑު އެދުމަކީ، މިންގަނޑާ ޚިލާފަށް ހުންނަ ތަންތަނުގެ މަޢުލޫމާތު އެއޮތޯރިޓީއާއި ނުވަތަ ސިއްޙަތާ ބެހޭ ވުޒާރާއާއި ހިއްސާކުރުމެވެ.

"އަޅުގަނޑުމެންނާ ހިސާބަށް ޝަކުވާ އަންނައިރު މިވާގޮތަކީ ސޯޝަލް މީޑިއާއަށް ފޮޓޯތައް ލުމުން އެތަންތަން ބަލާ ފާސްކުރަންދާއިރު، މިހުންނަނީ ރީތިކޮށް މިންގަނޑަށް ފައްތާފައިކަމަށް ދައްކާލާފައި. އެހެންވީމަ އެގޮތަށް މަސައްކަތްކުރާ ތަންތަން ބަންދުކުރެވޭނެ ގޮތެއް ނެތް." ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޚަލީލް ވިދާޅުވިއެވެ.

ޤާނޫނާއެކު ކާބޯތަކެތީގެ ވިޔަފާރިތަކަށް ބަދަލުތަކެއް

ޤާނޫނާއެކު އަންނަ އެންމެ ބޮޑު ބަދަލަކީ ގޭބިސީތަކުގައި އުފައްދާ ކާބޯތަކެތި ވިއްކުމުގައި ލޭބަލް ކުރުން ހަރުދަނާކުރެވިގެންދާދިޔުމެވެ. އެގޮތުން ލޭބަލް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ މީހާއާއި، އުފައްދާ ތަނެއް ދެނެގަނެ އެތަން ބަލާ ފާސްކުރުމުގެ މަގުފަހިކޮށްދެއެވެ. މިގޮތުން ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެތީގެ ތެރެއިން ގޭބިސީތަކުގައި އުފައްދާ ތަކެއްޗަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަން ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެއާއެކު ކެފޭ ހޮޓާތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންވެސް ދަފްތަރުކުރެވި އެފަރާތްތަކަށް ޢާއްމު ސާފުތާހިރުކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ތަމްރީންތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެން ދޫކުރާނަން އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށްވެސް އެއުފައްދާ ބާވަތަކަށް ޚާއްސަ ލައިސަންސެއް. އެއާއެކު ޢާއްމުންނަށް އެނގިގެންދާނެ އެއީ އެމްއެފްޑީއޭގެ މިންގަނޑަށް ހުރި ތަނަކުން އުފައްދާ ތައްޔާރުކުރާ ބާވަތެއްކަން." ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ޤާނޫނުންވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރެވޭނެ މަގުފަހިކޮށްފައެވެ. އެމަސައްކަތްކުރުމަށް ޤާއިމުކުރަންޖެހޭ ހުރިހާ ވަޞީލަތްތަކެއް ހަމަކޮށް އެކަން ޤާނޫނާއި އެއްގޮތަށް ތަންފީޒުކުރުމަށް ވަޒީރަށްވަނީ މަތިކޮށްފައެވެ. އަދި ރަށްރަށާއި ސިޓީތަކުގައި މިޤާނޫނު ތަންފީޒުކުރެވޭތޯ ބެލުމަކީ އެރަށެއް އަދި ސިޓީއެއްގެ ކައުންސިލްގެ ޒިންމާއެކެވެ.

ޤާނޫނުން ވަޒީރަށް އެމްއެފްޑީއޭއާއި އިތުރު ބޯޑަކާއި ކައުންސިލްތަކެއް އުފެއްދުމުގެ ޖާގައާއި ޒިންމާތަކެއް

މިޤާނޫނާއެކު ކަމާގުޅޭ ހުރިހާ އިދާރާއެއް ހިމެނޭހެން 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑު އެކުލަވާލަންޖެހެއެވެ. ހަމައެއާއެކު ތަހުލީލުތައް ހެދޭނެ ނިޒާމު ވަރުގަދަކުރުމަށް ނޭޝަނަލް ހެލްތު ލެބޯޓަރީއެއް ޤާއިމުކޮށް، އެތަނުން ޓެސްޓުތައް ނުހެދޭނެ ޙާލަތެއްގައި އެކަން ކުރެވޭނެ ރިފަރަލް ލެބޯޓަރީތަކެއް ކަނޑައަޅަންޖެހެއެވެ.

އައު ޤާނޫނާއެކު ބޮޑެތި ބާރުތަކެއް ލިބުމާއެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކުރިއަށްއޮތަނުގައި ބެލޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެންދާނެތޯ މިއީ ރައްޔިތުންގެ ހިތުގައި މިހާރު އުފެދޭ ސުވާލެކެވެ. އެކަމަށް އެދެވޭ ބަދަލެއް އަންނާނެކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދެއްވާއިރު އެބޭފުޅުންގެ އިލްތިމާސަކީ ޢާއްމުންގެ ފަރާތުން މިކަންކުރުމަށް ބޭނުންވާ އެއްބާރުލުމެވެ. ރިޕޯޓުކުރުން ވަރުގަދަކުރުމަށެވެ. ސޯޝަލް މީޑިއާގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުމުގެ އެހީތެރިކަމަށް އިދާރާތަކުން ރައްޔިތުންގެ ކިބައިން އެދެއެވެ.