ޚަބަރު

"އާރޯ" ގައި އަތޮޅުތަކުގެ މުއައްސަސާތަކުންވެސް ބައިވެރިވާނެ


މިނިވަން މުއައްސަސާތަކުން ގުޅިވަޑައިގެން އިޖްތިމާޢީ ޙަރަކާތެއްގެ ގޮތުގައި ޖޫން ހަތަރެއްގައި ހިންގަވާ ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަވާއިރު، ރާއްޖޭގެ އަތޮޅުތަކުގައި ހުރި މުއައްސަސާތަކުންވެސް ގަސް އިންދުމުގެ ޙަރަކާތް ހިންގަވާނެކަމަށް މިކަމާބެހޭ ޓާސްކް ފޯސް ކޮމެޓިން ބުނެފިއެވެ.

"އާރޯ" ގެ ނަމުގައި ހިންގަވާ ގަސްއިންދުމުގެ ޕްރޮގްރާމްގެ ޙަރަކާތެއްގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކި ބިމުގައި 1200 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ.

މިނިވަން މުއައްސަސާތައް ގުޅިގެން "އާރޯ" ގެ ނަމުގައި ކުރިއަށް ގެންދަވާ މިޙަރަކާތުގެ ޓާސްކްފޯސް ކޮމެޓީން ބުނީ މިއީ ދިވެހި ރައްޔިތުންނަށް ފައިދާކުރަނިވި އިޖްތިމާޢީ ޙަރަކާތެއް ހިންގެވުމުގެ މަޤްޞަދުގައި ހިންގަވާ ޙަރަކާތެއްކަމަށެވެ. ހުޅުމާލޭގައި މި ޙަރަކާތް ކުރިއަށްދާއިރު ރާއްޖޭގެ އަތޮޅުތަކުގައި ހުރި މުއައްސަސާތަކުގައިވެސް ގަސްއިންދުމުގެ ޙަރަކާތް ކުރިއަށް ގެންދެވޭނެކަމަށް ޓާސްކްފޯސް ކޮމެޓީގެ އޮފިޝަލެއްކަމަށްވާ ޢަލީ ޢާމިރު ވިދާޅުވިއެވެ.

"އާރޯ" ޓާސްކްފޯސް ކޮމެޓީން ބުނީ، މިޙަރަކާތާއެކު ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤަރާރެއްގައިވެސް ސޮއިކުރެވޭނެކަމަށެވެ. މި ޤަރާރުގެ ދަށުން ކަރުދާހުގެ ދެ ފުށް ބޭނުންކުރުމާއި، ބޭނުންނުކުރާ ކަރަންޓުގެ ތަކެތި ނިއްވާލުން ހިމެނޭކަމަށެވެ.

މިޙަރަކާތުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ 14 އިދާރާއަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.