ޚަބަރު

އަރބަން ޑިވެލޮޕްމަންޓްގެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް


  • ބިލް ބަލައިގަތުމަށް 61 މެމްބަރުން ވޯޓް ދެއްވި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އަރބަން ޑިވެލޮޕްމަންޓްގެ ބިލް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ، ޤައުމީ ތަރައްޤީއާއި ތަރިކައާބެހޭ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައި 61 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް 11 މެންބަރުން އަދި ވަކި ގޮތަކަށް ވޯޓް ދޭން ބޭނުންނުވާ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއެވެ.

މިބިލު ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ. މެންބަރު ޢާޒިމް ވިދާޅުވީ މިހާތަނަށް އައިރުވެސް ސަރަހައްދުތައް ތަރައްޤީކުރުމުގައި ޢަމަލުކުރާނެ ޤާނޫނެއް ހެދިފައިނުވާ ކަމަށެވެ. ނަމަވެސް އަރބަން ޑިވެލޮޕްމަންޓްގެ ބިލާއެކު އަރބަން ސަރަހައްދުތައް ތަރައްޤީކުރާއިރު ރޭވިގެން ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.

މި ބިލަށް ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުންވަނީ ބިލަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނީ އަރބަން ސެންޓަރުތައް ޤާއިމްކުރެވިގެންކަމަށް މެންބަރުން ވިދާޅުވިއެވެ. މީގެކުރިން އަރބަން ތަރައްޤީގެ ރަނގަޅު ޕްލޭނެއް ނެތި، ތަރައްޤީކޮށްފައިވާ އެއް ތަނަކީ މާލެ ކަމަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުން މިއަދު ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް މެންބަރުން ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ސަރަހައްދުތައް ތަރައްޤީކުރެވެންޖެހޭނީ ވަކި އުޞޫލެއްގެ ތެރެއިން ރަނގަޅަށް ރޭވިގެންކަން މެންބަރު ފާހަގަކުރެއްވިއެވެ. އެގޮތުން އާރބަން ޑިވެލޮޕްމަންޓްގެ ޤާނޫނެއް ރާއްޖެއަށް މުހިންމުކަމަށް މެންބަރުން ވިދާޅުވިއެވެ.