ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 2-2 އިން ވިޔަރެއާލްއާ އެއްވަރުވެއްޖެއެވެ.
އެތުލެޓިކޯ އިން މި މެޗަށް ނިކުތްއިރު، މި ފަހަރުގެ ސީޒަނަށް ބޮޑުއަގުގައި މެންޗެސްޓާ ސިޓީ އިން އެ ޓީމުން ގެނައި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ފެށީ ބެންޗުންނެވެ. އޭނާ ވަނީ ފަހު ހާފުގެ ފަހު 15 މިނެޓަށް ކުޅެން ނިކުމެފައެވެ.
އެސްޓާޑިއޯ ޑެ ލާ ސެރަމިކާގައި ރޭ ކުޅުނު މި މެޗު ފެށިގެން އެތުލެޓިކޯ އިން މޮޅަށް ކުޅުނުނަމަވެސް، ލިބުނު ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއްނުވިއެވެ. އެގޮތުން، މެޗުގެ ކުރީކޮޅު އެ ޓީމުގެ ރެއިނިލްޑޯ މަންޑާވާ ގޯލެއް ކާމިޔާބުކުރިއިރު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި، އެ ލަނޑު ގަބޫލުނުކޮށްފައެވެ. އޭގެފަހުން، އެ ޓީމުގެ މިޑްފީލްޑަރު، ސެމުއެލް ލީނޯ ފޮނުވާލި ހަމަލާ ވިޔަރެއާލްގެ ގޯލްކީޕަރު، ޑިއޭގޯ ކޮންޑޭ ވަނީ ހުއްޓުވާފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ވިޔަރެއާލުން ލީޑްނެގީ އާނައުޓް ޑަންޖޫމާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ދެ މިނެޓުފަހުން، ކައުންޓާއެޓޭކެއްގައި އެތުލެޓިކޯ އިން ވަނީ އެއްވަރުކޮށްފައެވެ. މިއީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، މާކޮސް ލޮރެންޓޭ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 35 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑްނަގައިދޭން ލީނޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މި މެޗުގައި ވިޔަރެއާލުން އަލުން ލީޑްނެގީ، 37 ވަނަ މިނެޓުގައި އެތުލެޓިކޯގެ ގޯލްކީޕަރު، ޔެން އޮބްލަކް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އެ ޓީމުގެ ކެޕްޓަން، ކޯކޭގެ ގައިގަ ޖެހިފައި ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އަދި އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ހަވަނަ މިނެޓުގައި އެތުލެޓިކޯ އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ އަލެކްސެންޑާ ސޯލޯތު އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، ޕަބްލޯ ބެރިއޯސް ނަގައިދިން ހުރަހެއްގެ އެހީގައި ކުރީން، ވިޔަރެއާލަށް ކުޅުނު ސޯލޯތު ކާމިޔާބުކުރި ގޯލެކެވެ. މިދިޔަ ސީޒަނުގައި ވިޔަރެއާލްގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި، ސޯލޯތު މިއީ އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ.
ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ. މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިޔަރެއާލްގެ ވިންގް، ނިކޮލަސް ޕެޕޭ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ލީގުގައި އެތުލެޓިކޯ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޖިރޯނާއާ ދެކޮޅަށެވެ. ވިޔަރެއާލަށް ދެން އޮތީ އަންނަ ހުކުރު ދުވަހު ރަށުން ބޭރުގައި ސެވިއްޔާއާ ބައްދަލުކުރާ މެޗެވެ.