ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ މިމަހުގެތެރޭ ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެ ނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.
ބަންކަރިންގ ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާއި ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
ސަރުކާރުން ވިސްނާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ. އޮފްޝޯ ބަންކަރިންގއަކީ ކަނޑުގައި އުޅަނދު ބާއްވައިގެން ބޯޓުތަކަށް ތެޔޮ ފޯރުކޮށްދޭ ޚިދުމަތެވެ.
މި މަސައްކަތަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެނައުމަށްވަނީ ނިންމާފައެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ 2 ވައްތަރެއްގެ ތެޔޮ ވިއްކާނެ ކަމަށެވެ.
"ފަށައިގަންނަނީ 2 ވައްތަރެއްގެ ކާގޯއިން، އެއީ އެމްޖީއޯ، މެރިން ގޭސް، ފިއުލް އޮއިލް ވިއްކާގޮތަށް، ވިޓޯލް ވަރަށް ބޮޑު ރޯލެއް އަދާކޮށްދޭނެ މަރކެޓު ކުރުމާއި، ބޭނުންވާ ރައިޓް ޕްރޮޑަކްޓު ފޯރުކޮށްދިނުމުގައި،" ޝިމާދު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިސާދު ފުޅާކުރުމަށް ބަންކަރިންގެ ސިނާޢަތް މުހިންމު ސިނާޢަތަކަށް ވާނެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާޢަތެއް އުފެދޭނެއެވެ.
ބަންކަރިންގެ ޚިދުމަތާއެކު ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. ބަންކަރިންގެ ޚިދުމަތް ދެމުން ދަނީ ގިނަ އަދަދެއްގެ ފަރާތްތައް ގުޅިގެންނެވެ. އެގޮތުން މިކަމުގައި އެމްޕީއެލްއިންވެސް މުހިންމު ދައުރެއް އަދާކުރެއެވެެ.
އުފެދޭ ވަޒީފާތަކާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވެގެންދާ ކަމަށް ސަރުކާރުން ދެކެއެވެ.
ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިއާއެކުވެސް މި ސިނާޢަތް އިތުރަށް ފުޅާވެ ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ.
އަދި ވާދަވެރި މާހައުލެއްގައި ރާއްޖެ މި ސިނާޢަތުގައި ފައި ހަމަކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.