ޚަބަރު

އެމްއައިބީން ގެސްޓް ހައުސް ސިމްޕޯޒިއަމެއް ބާއްވަނީ


  • ސިމްޕޯޒިއަމް އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު

މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީން ގެސްޓް ހައުސް ސިމްޕޯޒިއަމެއް ބާއްވަން ނިންމައިފިއެވެ. މިސިމްޕޯޒިއަމް އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކްރޮސްރޯޑްސްގައެވެ.

އެމްއައިބީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ ގެސްޓް ހައުސް ސިމްޕޯޒިއަމް ބޭއްވުމަށް އެ ކުންފުނިން ނިންމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ޚިޔާލު ބަދަލުކޮށް، ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރުމަށް ކަމަށެވެ.

މި ސިމްޕޯޒިމްގައި ގެސްޓް ހައުސް އާއި ލިވަރބޯޑާއި އެކި ކުންފުނިތައް ބައިވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕެނަލް ޑިސްކަޝަން ވެސް ކުރިއަށްދާނެ ކަމަށާއި ދާއިރާގައި ފުންނާބު އުސް މީހުންގެ ތަޖުރިބާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސިމްޕޯޒިމުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ ބައިވެރިވާ މީހުންގެ މައުލޫމާތު މުއްސަނދިވާނެ ކަމަށެވެ. އަދި މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޒާ އިތުރަށް ވިދާޅުވީ މި ސިމްޕޯޒިއަމްގައި ސްޓޯލް ހަދައިގެން ބައިވެރިވެވޭނީ ކަނޑައެޅޭ ވަކި އަދަދަކަށް ކަމަށާއި އެ ސްޓޯލެއްގައި އެމީހުންގެ ޕްރޮޑަކްޓްތައް ދައްކާލެވޭނެ ކަމަށެވެ.

ފޯރަމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ ކުދި އަދި މެދު ފަންތީގެ ހުރިހާ ފަރާތްތައް ގުޅުވައިދީ، ޕާޓްނަރޝިޕްތައް ބިނާކޮށް، އެއްބަޔަކު އަނެއްބަޔަކަށް މައުލޫމާތު ހިއްސާކޮށް، ގުޅުން ބަދަހިކުރުން" ރިޒާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ގެސްޓު ހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޙުމަދު ވަހީދު ވިދާޅުވީ އެހަރަކާތުން އުފެއްދުންތައް މާކެޓު ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްވާނެ ކަމަށެވެ. ވަހީދު ވަނީ ރަށްރަށުގެ ގެސްޓް ހައުސްތަކުން ވެސް މި ސިމްޕޯޒިއަމްގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ސިންޕޯޒިއަމްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެމްއައިބީން ވިދާޅުވިއެވެ. އަދި މިސިމްޕޯޒިއަމްގައި ގާތްގަޑަކަށް 150 ވަރަކަށް ސްލޮޓް ދޫކުރެވޭނެކަމަށްވެސް އެމްއައިބީން ވިދާޅުވިއެވެ.