ދެވަނަ ހާފުގައި މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު އާއި ޑިއޯގޯ ޖޮޓާ ކާމިޔާބުކުރި ލަނޑުތަކުން ލިވަޕޫލާއެކު އައު ކޯޗު، އާނޭ ސްލޮޓް މޮޅަކާއެކު އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަން ފަށައިފިއެވެ.
ރަށުން ބޭރުގައި އަލަށް ޕްރޮމޯޓުވި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 0-2 އިންނެވެ.
ޕޯޓްމަން ރޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވެ، ލިވަޕޫލަށް މި ހާފުގައި އިޕްސްވިޗްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ. މިއާއެކު، މި ހާފު ނިމިގެންދިޔައީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ނަމަވެސް، ދެވަނަ ހާފުގައި ލިވަޕޫލުން ރަނގަޅަށް ފަށައި، ފަސް މިނެޓުގެ ތެރޭގައި ވަނީ ނަތީޖާ ބަދަލުކޮށްލާފައެވެ. އެގޮތުން، ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު، 60 ވަނަ މިނެޓުގައި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޖޮޓާ ކާމިޔާބުކުރީ ސަލާހް ހުސްކޮށްލާފަ ދިން ބޯޅައަކުންނެވެ.
އޭގެ ފަސް މިނެޓުފަހުން، ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ސަލާހު އެވެ. މިއީ ޕްރިމިއާ ލީގުގެ ފުރަތަމަ ދުވަހުގައި ކުޅުނު މެޗެއްގައި ސަލާހު ޖެހި ނުވަވަނަ ގޯލެވެ. މިއީ ލީގުގެ ރެކޯޑެކެވެ. އަދި މިއީ ލިވަޕޫލްގެ ޖާޒީގައި ހުރިހާ މުބާރާތެއްގައި ސަލާހު ކުޅުނު 350 ވަނަ މެޗެވެ.
މެޗަށްފަހު ދެއްކި ވާހަކައިގައި ލިވަޕޫލްގެ ކޯޗު، ސްލޮޓް ބުނީ، ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ޕްރިމިއާ ލީގުގައި އޭނާގެ އަލަތު މެޗުގައި ކަންތައް ވެދާނެކަމަށް ހީކުރެވުނު ގޮތަށް ކަމަށާއި، އޭގެ ހައްގު ކްރެޑިޓް އިޕްސްވިޗަށް ހައްގު ކަމަށެވެ. އަދި އެއާ ހިލާފަށް ފަހު ހާފުގައި ވަރަށް ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދިޔަ ކަމަށް ވެސް ސްލޮޓް ވަނީ ބުނެފައެވެ.
ލިވަޕޫލުން މަތިން އަންނަ ލޯންގް ބޯލްތައް ހޯދުމަށް މަސައްކަތްކުރަންޖެހުނު ކަމަށާއި، އެކަމުގެ ސަބަބުން މެޗުން އިތުރަށް ކުރިއަށްދާން ވަރަށް ބޮޑުތަނުން ފަސޭހަވެ، ކޮންޓްރޯލް ހޯދުމަށް އެހީތެރިވި ކަމަށް ވެސް ސްލޮޓްގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި ފަހު ހާފުގައި އިޕްސްވިޗަށް ޓެމްޕޯ ހިފަހައްޓަން އުނދަގޫވިކަމަށް ވެސް ސްލޮޓް ބުންޏެވެ.
މިއީ މިދިޔަ 22 އަހަރުގެ ތެރޭގައި އިޕްސްވިޗުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުން ނިމިދިޔަ ސީޒަނުގައި އިނގިރޭސި ދެވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް) އިން މި ފަހަރުގެ ސީޒަނަށް ޕްރިމިއާ ލީގަށް ޕްރޮމޯޓުވިއިރު، އޭގެ ކުރީ ސީޒަނުގައި ވަނީ ތިންވަނަ ޑިވިޝަން (ލީގް ވަން) އިން ޗެމްޕިއަންޝިޕަށް ޕްރޮމޯޓުވެފައެވެ.