ދުނިޔެ

މަރުވީ ތާލިބާނުންގެ ޒައީމް ކަން ކަށަވަރެއް ނޫން- ޕާކިސްތާން


ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު މަންސޫރު މަރާލިކަމަށް ބުނެ އެމެރިކާގެ މަސްއޫލުވެރިން ދައްކަވާވާހަކަތަކުގެ ތެދުކަން ކަށަވަރު ނުވާކަމަށް ޕާކިސްތާނުންބުނެފިއެވެ.

ޕާކިސްތާނުގެ ދާޚީލީ ވަޒީރު ޗައުދަރީ ނިޒާރު ވިދާޅުވީ އެމެރިކާގެ ޙަމަލާއެއްގައި އަފްޣާން ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު މަރުވިކަމުގެ އެއްވެސް ހެއްކެތް ނެތްކަމަށާ އަދި އެމެރިކާއިން ޕާކިސްތާނަށް ދޭ ޑްރޯން ޙަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ޙަމަލާތަކެއް ކަމަށެވެ.

އަފްޣާނިސްތާނާއި ޕާކިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގަށް ދިން ޑްރޯންޙަމަލާއެއްގައި ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު މަރުވި ކަމަށް ބެލެވޭކަމަށްއެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެފައިވަނީ މިދިޔަ އާދީއްތަދުވަހުގައެވެ. އެއަށްފަހު ހޯމަދުވަހު ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީއެމެރިކާގެ ހަމަލާގައި މުއްލާ އަޚްތަރު މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މުއްލާ އަޚްތަރު މަރުނުވާކަމަށް ތާލިބާނުން ބުނާއިރު ޕާކިސްތާނުގެމަސްއޫލުވެރިން ވިދާޅުވަނީ އެމެރިކާގެ ހަމަލާގައި މަރުވި މީހުންގެތެރޭގައި މުއްލާއަޚްތަރުގެ ހަށިގަނޑު ހިމެނޭކަން ކަށަވަރުނުވާކަމަށެވެ.

އެމެރިކާގެ ޙަމަލާގައި މަރުވި މީހުންގެ ހަށިތައް ކާކުކަން ނޭނގޭވަރަށް އަނދާފައިވާތީ އެމީހުންގެ ޑީއެންއޭ ހަދައި އޭގެތެރޭގައި މުއްލާއަޚްތަރު ހިމެނޭކަން ނުވަތަ ނޫންކަން ބަލަމުން ގެންދާކަމަށް ޕާކިސްތާނުން ބުނެއެވެ.