ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއް އެކެޑަމީއެއް ކަމަށްވާ ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ 11 ކުޅުންތެރިއަކު ސްރީ ލަންކާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމަށް ފުރައިފިއެވެ.
މި މަހުގެ 19-25 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ އެންސީޕީބީއޭ އޯލް އައިލެންޑު އޯޕަން ބެޑްމިންޓަން ޗެމްޕިއަންޝިޕެވެ. މިއީ ސްރީ ލަންކާ ބެޑްމިންޓަނުގެ އަހަރީ ކަލަންޑަރުގައި ހިމެނިގެން ބާއްވާ މުބާރާތެވެ.
ލަންކާގެ އަނޫރާދާޕޫރާ ގައި ބާއްވާ މި މުބާރާތުގައި ރާއްޖެއިން ތިން އުމުރުފުރާއަކުން ކުޅުންތެރިން ވާދަކުރެއެވެ. އެގޮތުން 13 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ދެ ކުޅުންތެރިން އަދި މި އުމުރުފުރާގެ ފިރިހެން ޑިވިޝަނުގައި އެއް ކުޅުންތެރިއަކު ހިމެނެއެވެ. މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ބައިގައި 3 ފިރިހެން ކުޅުންތެރިން ވާދަކުރާއިރު އަންހެން ބައިގައި ދެ ކުޅުންތެރިން ވާދަކުރެއެވެ. މީގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން ބައިގައި ތިން ކުޅުންތެރިން އެ އެކަޑަމީގެ ފަރާތުން ވާދަކުރެއެވެ.
މުބާރާތުގައި ވާދަކުރާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ހެޑު ކޯޗަކީ ހުސައިން ރަޝީދެވެ. އަދި ކޯޗިން ޓީމުގައި އަބްދުލް ރައޫފް ވެސް ބައިވެރިވެއެވެ. މުބާރާތުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުތަކުގައި ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ކުޅުންތެރިން ވާދަކުރެއެވެ.
ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރަކީ ބޮޑެތި ކާމިިޔާބީތަކެއް ހޯދާފައިވާ އެކަޑަމީއެކެވެ. އަދި ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމުގައި އެ އެކަޑަމީން ވަނީ ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޖޫނިއާ ޗެމްޕިއަންޝިޕާއި އިންޓަސްކޫލް ނޯތު ޒޯނާއި އިންޓަ ސްކޫލް މާލޭ ޒޯނު މުބާރާތުގައި ވެސް އެ އެކަޑަމީގެ ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.