ނިމިދިޔަ ސީޒަނަށްފަހު ހިލޭ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލުމަށްފަހު ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވި، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ނެތި ކުޅުނު ފުރަތަމަ މެޗުގައި ލެ ހާވްރޭ އަތުން 1-4 އިން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ހަތަރު ލަނޑުގެތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. އެ ޓީމުގެ އަނެއް ތިން ލަނޑުޖެހީ ފަހު ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ.
ލެ ހާވްރޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީން ލީޑްނެގީ އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ގޮންކާލޯ ރާމޯސް ދިން ބޯޅައަކުން ކަންގް-އިން ލީ އެވެ. މި ގޯލާއެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި ލެ ހާވްރޭ އަށް އެއްވަރުކޮށްދިނީ ގޯޓިއާ ލޮރިސް އެވެ. ލޮރިސް އަކީ ފްރާންސްގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، ގޯލްކީޕަރު ހޫގޯ ލޮރިސްގެ ކޮއްކޮ އެވެ.
އޭގެކުޑައިރުކޮޅެއް ފަހުން، ލެ ހާވްރޭގެ ހޯސުއޭ ކަސިމީރް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު އެ ލަނޑު ބަލައިނުގަތެވެ. އެއީ، އެ ބޯޅަ ފޮނުވާލުމުގެ ކުރީން ކަސިމީރްގެ އަތުގައި ޖެހުމުންނެވެ.
ޕީއެސްޖީން އަލުން ލީޑްނެގީ 85 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ބޮލުން ވައްދާލި ލަނޑުންނެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު، ޔާއޯ ނެވޭސް ނަގައިދިން ހުރަހެއްގެ އެހީގައެވެ. އޭގެ މިނެޓެއްފަހުން، ޕީއެސްޖީގެ ތިންވަނަ ލަނޑުޖަހައިދިނީ ބްރެޑްލީ ބާކޯލާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ނެވޭސް އެވެ.
އޭގެފަހުން، މެޗުގެ 90 ވަނަ މިނެޓުގައި ޕީއެސްޖީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ފްރާންސްގެ ފޯވާޑް، ރެންޑަލް ކޯލޯ މުއާނީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ކޯލޯ މުއާނީ އަށް ލެ ހާވްރޭގެ ޑިފެންޑަރު، ލޮރިސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ކޯލޯ މުއާނީ ކާމިޔާބުކުރި ގޯލެކެވެ.
މެޗަށްފަހު ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނީ، އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހުނުނަމަވެސް، އެކަން ކުރުމަށް ފަސޭހަނުވި ކަމަށެވެ. ފަހަރުގައި އެއީ އޭނާގެ ޓީމުން މާބޮޑަށް ފަސޭހަކޮށްލެވުނީ ކަމަށް ވެސް ވެދާނެ ކަމަށް އެންރީކޭ ބުންޏެވެ.