ޚަބަރު

ކޮމްޕެނީގެ ފުރަތަމަ މެޗުގައި ބަޔާނަށް ފަސޭހަ މޮޅެއް


ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން، ޖަރުމަނުގެ ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ކަޕްގައި ދެވަނަ ޑިވިޝަނުގެ އުލްމު އަތުން ވަނީ 4-0 އިން މޮޅުވެފައެވެ.

ކޮމްޕެނީ، ބަޔާނަށް ބަދަލުވީ ނިމިދިޔަ ސީޒަނަށްފަހު އިނގިރޭސި ކްލަބު ބާންލޭ ރެލިގޭޓްވުމުން މި ފަހަރުގެ ސީޒަނަށެވެ. އެއީ، 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބަޔާނުން ތަށްޓެއް ކާމިޔާބުނުކޮށް ނިންމާލި ފުރަތަމަ ސީޒަނަށްފަހު ކޯޗު، ތޯމަސް ޓުޗެލް ދޫކޮށްލުމުންނެވެ.

އުލްމުގެ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައެވެ. އެ ޓީމަށް މި ދެ ލަނޑުވެސް ޖަހައިދިނީ ޖަރުމަނުގެ އަބަދަށްފެހި ފޯވާޑް، ތޯމަސް މުލާ އެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި މުލާ ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓުފަހުން ޖަރުމަނުގެ ވިންގް، ސާޖް ނެބްރީ ދިން ބޯޅައަކުން މުލާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ބަޔާންގެ އަނެއް ދެ ލަނޑުޖަހައިދިނީ މެޗުގެ ފަހު 11 ވަރަކަށް މިނެޓުގެ ތެރޭގައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު، 79 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ކާމިޔާބުކުރީ މި ފަހަރުގެ ސީޒަނަށް އެ ޓީމާ ގުޅުނު ފްރާންސްގެ ވިންގް، މައިކަލް އޮލީސޭ ދިން ބޯޅައަކުންނެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި މުލާ ދިން ބޯޅައަކުން ބަޔާންގެ ހަތަރުވަނަ ލަނޑުޖަހައިދިނީ އިނގިރޭސި ފޯވާޑް، ހެރީ ކޭން އެވެ.

ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދާފައިވާ ބަޔާނުން 2019/20 ވަނަ އަހަރުގެ ސީޒަނުގައި ޓްރެބަލް ކާމިޔާބުކުރުމަށްފަހު، އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް އެ ޓީމަށް ދެވިފައެއްނުވެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބުންޑެސްލީގާގެ ކްލަބުތައް ކަމަށްވާ، ހޮފެންހައިމް އާއި ސެއިންޓް ޕައުލީ އަދި މައިންޒް މޮޅުވީ އުނދަގުލުންނެވެ. ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ، ވާޒްބާގާ ކިކާސް އަތުން ހޮފެންހައިމް މޮޅުވީ ޕެނަލްޓީޖަހައިގެން 5-3 އިންނެވެ.

ސެއިންޓް ޕައުލީ އިން ހަތަރުވަނަ ޑިވިޝަނުގެ ހާލެޝާ އަތުން އިތުރުވަގުތުގެ ދެ ހާފުގެ ކުޅުމަށްފަހު މޮޅުވީ 3-2 އިންނެވެ. ތިންވަނަ ޑިވިޝަނުގެ ވެހެން ވިއެސްބަޑެން އަތުން މައިންޒް 3-1 އިން މޮޅުވީ އިތުރުވަގުތުގެ ދެ ހާފުގެ ކުޅުމަށްފަހު އެވެ.