ކުޅިވަރު

ޕޮޗެޓީނޯ، އެމެރިކާގެ ފުޓްބޯޅަ ޓީމާ ހަވާލުވާން އެއްބަސްވެއްޖެ


ހުސްވެފައިވާ އެމެރިކާގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވާން ޗެލްސީގެ ކުރީގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ އެއްބަސްވެފައިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާ އިން ކޯޗެއް ގެނައުމުގެ މަސައްކަތް ފެށީ ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި ކުރިމަތިވީ ނާކާމިޔާބީއާ ގުޅިގެން އެމެރިކާގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ގްރެގް ބާހޯލްޓާ ވަކިކުރުމާ ގުޅިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ މެއި މަހު ޗެލްސީގެ ކޯޗުގެ މަގާމު ދޫކޮށްލުމަށްފަހު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޕޮޗެޓީނޯ، 52، އާއެކު އެމެރިކާގެ އުއްމީދަކީ އެ ގައުމާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާގެ ޓީމު ފުރިހަމަ އަށް ތައްޔާރުކުރުން ކަމަށެވެ.

އެގޮތުން، ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ އިން އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ މެޗަކީ ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހު ކެނެޑާއާ ދެކޮޅަށް ކެންސަސް ސިޓީގައި ކުޅޭ މެޗެވެ.

ޕޮޗެޓީނޯ ޗެލްސީއާ ގުޅުނީ 2023-24 ވަނަ އަހަރުގެ ސީޒަނުގެ ކުރިން، އިންޓަރިމް ކޯޗު ފްރޭންކް ލަމްޕާޑުގެ ބަދަލުގައި، އޭގެކުރީ ސީޒަނުގައި އެޓީމުން 12 ވަނައިގައި އޮވެ ނިންމާލުމުން އެ ކްލަބުގެ އައު ވެރިން ކަންކަން ރަނގަޅުކުރަން ބޭނުންވުމުންނެވެ.

ޕޮޗެޓީނޯ އޭރު ޗެލްސީ އާއެކު ސޮއިކޮށްފައިވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ. އަދި ކްލަބަށް އިތުރު އަހަރަކަށް ކޮންޓްރެކްޓް އައުކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ވަރަށް އުނދަގޫކޮށް ސީޒަން ފެށިނަމަވެސް، ނިމެންކައިރިވެފައިވަނިކޮށް ނަތީޖާތައް ރަނގަޅުކޮށް، ޔޫރަޕިއަން ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައި، ހަވަނައިގައި އޮވެ ނިންމާލިނަމަވެސް، އޭނާ ވަނީ އެ ކްލަބު ދޫކޮށްލަން ނިންމައިފައެވެ.