ޚަބަރު

ތަފާތު ޚިދުމަތްތަކާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޮސްމެކްސް ފާމަސީ ހުޅުވައިފި


  • ބޭސްފިހާރާގައި ޔޫރަޕުގެ ރޮސްމެކްސް ބްރޭންޑުގެ އުފެއްދުންތައް ހިމެނޭ

  • ބޭސްފިހާރަ ހުންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި

ތަފާތު ގިނަ ޚިދުމަތްތަކާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ރޮސްމެކްސް ފާމަސީ ހުޅުވައިފިއެވެ.

ރޮސްމެކްސް ފާމަސީގެ ނަމުގައި ހުޅުވި މި ބޭސްފިހާރައަކީ ސްވިޓްޒަލޭންޑުގެ ކުންފުންޏެއްކަމަށްވާ ރޮސްމެކްސް އިންޓަނޭޝަނަލް ލިމިޓެޑްއިން އުފައްދާ ބޭހުގެ އެކި ބާވަތްތަކާއި ލޭގެ ޕްރެޝަރާއި ބަރުދަން ބެލޭނެ އެކި ޑިވައިސްތައް ގަންނަން ލިބޭގޮތަށް ހުޅުވި ތަނެކެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެ ބޭސްފިހާރާގެ މެނޭޖަރ އާދަމް ހުސައިން ވިދާޅުވީ ރޮސްމެކްސް ކުންފުނިން އުފައްދާ ގޭގައި ބޭނުންކުރެވޭ ޞިއްޙީ ޑިވައިސްތަކަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ މޮޅު އުފެއްދުންތަކެއްކަމަށެވެ. އަދި އެފަދަ އުފެއްދުންތައް މި ބޭސްފިހާރައިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޙުސައިން ވިދާޅުވީ ރޮސްމެކްސް ބޭސްފިހާރާގެ އެންމެ ޚާއްސަކަމަކީ ހިލޭ ވައިޓަލްސް ބެލުންފަދަ ސްކްރީނިންގ ހަދައިދޭނެކަމަށެވެ. އެގޮތުން ބޭސްފިހާރައަށް ޒިޔާރަތްކޮށް، ބޭސް ގަންނަ ކޮންމެ މީހަކަށްވެސް، އެކަމަށް ޤާއިމްކޮށްފައިވާ ހެލްތު ސްޓޭޝަނުން ބައެއް ޗެކްއަޕްތައް ހިލޭ ހެދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ޙުސައިން ވިދާޅުވީ ހެލްތު ސްޓޭޝަނުން، ހަކުރު ޓެސްޓުކުރުމާއި ބަރުދަން ބަލުމާއި ސަރުބީ ހުންނަ މިންވަރާއި ލޭގައި އޮކްސިޖަން ހުންނަ މިންވަރުވެސް ބެލޭނެ ކަމަށެވެ. އަދި މިކަންކަން ބެލޭނެ އާލާތްތައް އެ ފިހާރައިން ލިބެން ހުންނާނެކަން އޭނާ ފާހަގަކުރިއެވެ.

"ޕްރޮޑަކްޓްސް ރޭންޖެ އެންމެ މަތީ ފެންވަރުގެ ޕްރޮޑަކްޓުތަކާއެކު. މި ބޭސްފިހާރައިން ޢާންމުކޮށް ބޭނުންކުރާ ބޭސްތަކުގެ އިތުރުން ޚާއްސަ ބަލިތަކަށް ބޭނުންކުރާ ބޭސްތައްވެސް ލިބޭނެ" އާދަމް ޙުސައިން ވިދާޅުވިއެވެ.

ރޮސްމެކްސް ބޭސްފިހާރައިން ބުނީ އެތަނުން ބޭސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށާއި ޑެލިވަރީގެ ޚިދުމަތްދޭނީ ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވައްސަށް އެކަނި ކަމަށެވެ.

އެގޮތުން ރޮސްމެކްސް ބޭސްފިހާރާގެ ނަންބަރު 9747427 އަށް ބޭސް ސިޓީ ވައިބަރކުރުމުން އެ ބޭނުންވާ ބޭހެއް ޑެލިވަރީކޮށްދެވޭނެކަމަށް ރޮސްމެކްސް ބޭސްފިހާރައިން ބުނެއެވެ. ރޮސްމެކްސް ބޭސްފިހާރަ ހުންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް 8 ވަނަ ޓަވަރުގައެވެ.