ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މައްލާ ޅަތުއްތު ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މައްލާ ޅަތުއްތުއަކީ އަކީ ޤައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްސިއްޔަތެއްކަމަށެވެ.
މައްލާ ޅަތުއްތުވަނީ ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައމީ އިނާމާއި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވުމުގެ އިނާމާއި ކުޅިވަރުގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މައްލާ ނިޔާވުމާއި ގުޅިގެން، އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) August 15, 2024
ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެކެވެ.
ކުޅިވަރު ކުރިއެރުވުމުގެ… pic.twitter.com/YmJyNcb2oJ
ކުޅިވަރުގެ ދާއިރާއިން 2021ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލު ކުރައްވާފައިވާ މައްލާ ޅަތުއްތަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ޚާއްޞަކޮށް، ފުޓްބޯޅައިގެ މައިދާނުގައި ވަރަށް މަޝްހޫރު ނަމެކެވެ. ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ވާހަކަ ދައްކާނަމަ، އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްޞަކޮށް، ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރައްވައި އުފެއްދެވުމަށް މައްލާ ޅަތުއްތު ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެހި ދެ ރެފްރީންގެ ތެރެއިން އެއް ރެފްރީއަށް ވެވަޑައިގަތުމުގެ ޝަރަފުގެ އިތުރުން، ފީފާގެ ބެޖު ޖައްސަވައިގެން، ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަން ކުރެއްވުމުގެ ޝަރަފުވެސް 1990 ގައި މައްލާ ޅަތުއްތުއަށް ލިބިވަޑައިގެންފައިވެއެވެ. އަދި ފީފާ ރެފްރީއެއްގެ ގޮތުން، 1990 އިން 1993 އަށް ބައިނަލްއަޤްވާމީ އެތައް މެޗެއްގައި ރެފްރީކަން ކުރެއްވިއެވެ. މީގެތެރޭގައި، 1985 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އޭޝިއަން ކުލަބް ޗެމްޕިއަންޝިޕްގައްޔާއި، 1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ފަސްވަނަ ސާފް ގޭމްސްގައި މައްލާ ޅަތުއްތު ރެފްރީކަން ކުރެއްވިއެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތްތަކުގައި 1984 ވަނަ އަހަރާއި 1985 ވަނަ އަހަރު ރެފްރީކަން ކުރެއްވިއެވެ. 1995 ވަނަ އަހަރު ރެފްރީކަން ކުރެއްވުން މައްލާ ޅަތުއްތު ރަސްމީކޮށް ހުއްޓަވައިލެއްވީ، އޭރު ފީފާ ބެޖު ލިބޭ އުމުރު ހަމަވުމުންނެވެ.
ރެފްރީކަން ކުރައްވަމުންވެސް މައްލާ ޅަތުއްތު އެންމެބޮޑު ޝައުޤުވެރިކަމަކާއި އިސްކަމެއް ދެއްވީ، ދިވެހި ރެފްރީން އުފައްދަވައި ތަމްރީނު ކުރެއްވުމަށެވެ. ދިވެހި ފުޓްބޯޅަ ރެފްރީން އުފައްދަވައި ތަމްރީނު ކުރެއްވުމަށް 1975 ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. ރެފްރީން ތަމްރީނުކުރާ ކޯސްތައް، މާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެންވެސް ހިންގަވައިފައި ވެއެވެ. ރާއްޖޭގައި މިހާރު ތިބި ފީފާ ރެފްރީންނާއި، ސީނިއަރ ރެފްރީންނަކީ މައްލާ ޅަތުއްތުގެ ދަރިވަރުންނެވެ. މީގެއިތުރުން، ދިވެހި އަންހެން ފުޓްބޯޅަ ރެފްރީން އުފައްދައި ތަމްރީނު ކުރުމަށް، ރާއްޖޭގައި ފުރަތަމަފަހަރަށް، 2019 ވަނަ އަހަރު މަސައްކަތް ފެށްޓެވީވެސް މައްލާ ޅަތުއްތުއެވެ.
މައްލާ ޅަތުއްތުއަކީ ރެފްރީކަން ކުރެއްވުމުގައިވެސް ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވައިފައިވާ އަދި އެ ރޮނގުން ރީތި ނަމޫނާއެއް ދައްކަވައިފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ބެޖެއް، އެންމެ ފުރަތަމަ 1969 ގައި، ފަރުމާކުރެއްވީ މައްލާ ޅަތުއްތުއެވެ. އަދި އޭގެފަހުންވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާ ކުރެއްވީ މައްލާ ޅަތުއްތުއެވެ. 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް.) އުފެދުމުން، އެ އެސޯސިއޭޝަންގެ ލޯގޯ ފަރުމާކުރެއްވީވެސް މައްލާ ޅަތުއްތު އެވެ.
އެފް.އޭ.އެމް.ގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓެރީގެ މަގާމު އަދާކުރެއްވީވެސް މައްލާ ޅަތުއްތުއެވެ. އޭގެ ފަހުން، އެފް.އޭ.އެމް.ގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީކަމާއި، ވައިސް ޗެއަރމަންކަމާއި، ޗެއަރމަންކަންވެސް ކުރެއްވިއެވެ. އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމުވެސް ވަނީ އަދާކުރައްވާފައެވެ.
ވަރުބަލިވުމެއްނެތި، ދިވެހި ކުޅިވަރުގެ ތަރައްޤީއަށް މައްލާ ޅަތުއްތު ވަނީ 52 އަހަރު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.