ޚަބަރު

ލީޑަރޝިޕުގައި ޒުވާނުން ބާރުވެރިކުރުން މުސްތަޤުބަލަށް މުހިއްމު: ސަޢުދީ ސަފީރު


  • ޔޫތު ލިޑަރޝިޕް ޓްރެއިނިންގ ކޯހުގައި 50 ފަރާތަކުން ބައިވެރިވި

  • ކޯސް ކުރިއަށްދިޔައީ މިމަހުގެ 4އިން 6އަށް ޔޫތު ހަބުގައި

  • މިއީ މި ކޯސް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރު

ލީޑަރޝިޕުގައި ޒުވާނުން ބާރުވެރި ކުރުމަކީ ގައުމުގެ މުސްތަޤުބަލަށް މުހިއްމު ކަމެއްކަމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓުން، ޒުވާނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޔޫތު ލިޑަރޝިޕް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މަޖިދިއްޔާ ސްކޫލުގެ ސްކައުޓު ގުރޫޕު ކަމުގައިވާ ފަސްޓް މާލެ ސްކައުޓު ގްރޫޕުން މި ކޯސް ކުރިއަށް ގެންދިޔައީ، މިމަހުގެ 4 ކުން 6 އަށް މާލޭގައި ހުންނަ ޔޫތު ހަބުގައެވެ.

ރާއްޖޭގެ ސްކައުޓް ޖަމިއްޔާއާއި މަޖީދިއްޔާ ސްކައުޓު ގްރޫޕުން ކުރިއަށް ގެންދިޔަ ޔޫތު ލިޑަރޝިޕް ޓްރެއިނިން ކޯހަކީ، ސައުދީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ވޯލްޑް ސްކައުޓިންގ އަދި ވޯލްޑް ސްކައުޓް ފައުންޑޭޝަނާ ގުޅިގެން ކުރިއަށްގެންދާ "މެސެންޖާސް އޮފް ޕީސް ފަންޑު"ގެ ދަށުން ރާއްޖޭގެ ސްކައުޓް ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމުގައިވާ "ޔޫތު ލީޑަރޝިޕް އެންޑް މެންބަރޝިޕް ގްރޮތް"ގެެ ތެރެއިން ކުރިއަށް ގެންދިޔަ ކޯހެކެވެ.

17 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ މި ކޯހުގައި 50 ފަރާތަކުން ބައިވެރިވިއެވެ. މި ކޯހަކީ، ޒުވާނުން މަތީ ފަންތީގެ މަޤާމުތަކަށް އަންނައިރު ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށްދިޔަ ކޯހެކެވެ.

މި ކޯހުގެ ތެރެއިން ކަންކަން ނިންމުމުގެ އެކި ހަރުފަތްތަކުގައި ހަރަކާތްތެރިވާ ގޮތާއި، މަތީ ފަންތީގެ މަޤާމުތަކުގައި މާނަވީގޮތެއްގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް އިސްނެގުމާއި، ކަންކަން ނިންމުމާއި ގުޅުންހުރި އެކި ހުނަރުތަކުގައި ވިސްނަންޖެހޭ ކަންކަން ދަސްކޮށްދީފައިވާ ކަމަށް ސްކައުޓު ޖަމިއްޔާއިން ވިދާޅުވެއެވެ.

ޔޫތު ލިޑަރޝިޕް ޓްރެއިނިން ކޯހަކީ ބައިނަލްއަޤްވާމީ ފެންވަރުގައާއި، ބޭރުގެ ސްކައުޓު ޖަމްޢިއްޔާތަކުންވެސް ކުރިއަށްގެންދާ ކޯހެކެވެ. މިއީ، ރާއްޖޭގައި މި ކޯސް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވަނީ، ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުންނަށް ދޭ މިފަދަ ތަމްރީނުތަކަކީ އެތައް ގޮތަކުން ގައުމަށް ފައިދާކުރާނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

"ޒުވާނުންނަކީ ކޮންމެ ގައުމެއްގައިވެސް ގައުމުގެ ކުރިއެރުމަށް ވަރަށް މުހިންމު ބައެއް. އެ މީހުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް. ޒުވާނުން ބާރުވެރިކުރުވައިގެން ލީޑަރޝިޕް ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް." ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވިދާޅުވިއެވެ.

ސްކައުޓު ޖަމިއްޔާއިން ކުރިއަށްގެންދާ "ޔޫތު ލީޑަރޝިޕް އެންޑް މެންބަރޝިޕް ގްރޮތް" ޕްރޮޖެކްޓުގެ ތެރެއިން އިތުރު ލީޑަރޝިޕް ކޭމްޕުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ސްކައުޓް ޖަމިއްޔާއިން ވިދާޅުވެއެވެ.

ސްކައުޓުންނަކީ، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ޤުރުބާނީތަކެއް ވާންޖެހޭ ކޮންމެ ހިނދެއްގައި އެންމެ ކުރީ ސަފުގައި ތިބޭ އެއްބަޔަކީ، ސްކައުޓުންނެވެ.