ޚަބަރު

ގޭންގު މީހުން މަޤާމުތަކުން ވަކިކޮށް، އިންތިޚާބީ މަޤާމުތަކަށް ކުރިމަތި ނުލެވޭގޮތް ހަދަނީ


  • ގޭންގު ލީޑަރުން އަދި ގޭންގު މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ކޮމެޓީއަކުން

ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުން ރުކާރުގެ ވަޒީފާތަކުން ވަކި ކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭގޮތަށް ޤާނޫނަށް އިޞްލާހުގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ޑްރާފްޓްކޮށް، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވާފައެވެ. އެ ޑްރާފްޓް ބިލުގައި ވަނީ، ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީއަކުން ގޭންގު މެންބަރެއްކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރިނަމަ އެމީހަކު ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށާއި، ދައުލަތުގެ އެއްވެސް ވަޒީފާއެއްވެސް އެމީހަކަށް ދީގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެއްވެސް އިންތިޚާބީ މަގާމަކަށް އެ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ދީގެންވެސް ނުވާނެ ކަމަށް ބިލްގެ ޑްރާފްޓްގައިވެއެވެ.

ގޭންގު ލީޑަރުންނާއި، މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުން:

- ފުލުހުންގެ ޚިދުމަތަށް ޒިންމާވާ ވަޒީރު
- ކޮމިޝަނަރ އޮފް ޕޮލިސް
- ޗީފް އޮފް ޑިފެންސް ފޯސް
- ފުލުހުންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސް ވެރިޔާ
- ސިފައިންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސް ވެރިޔާ

ޑްރާފްޓް ބިލުގައި ގޭންގެއްގެ މައުލޫމާތާއި ނިޝާން ހާމަކޮށްފިނަމަ އަދަބުގެ ގޮތުގައި 500,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް މުޢާމަލާތެއް ނުކުރެވޭގޮތަށް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.

މީގެ އިތުރުން އެކަން ކުރުމުގައި ގާނޫނީ ޝަޚްސެއް ހިމެނޭނަމަ ޖޫރިމަނާ އަދަބު ފަސް މިލިއަނާއި ދިހަ މިލިއަނާ ދެމެދަށް ބޮޑުކުރަން ވަނީ ހިމަނައިފައެވެ. އަދި ނުދައްކައިފިނަމަ ފަސް އަހަރަށް ބޭންކު އެކައުންޓުތައް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އެ ކުށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ މުޅި މިލްކިއްޔާތު ދައުލަތަށް ނެގުން ހިމެނެއެވެ.

މި ޑްރާފްޓްގައި ގޭންގު ހަރަކާތެއް ހިންގުމަށް އުޅަނދެއް ބޭނުން ކޮށްފި ނަމަ ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ބާރުލިބެއެވެ. އަދި ގޭންގެގައި ހިމެނޭ ފަރާތެއް ކުށެއް ކޮށްފާނެކަމަށް ބުއްދިއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބު ހުރެއްޖެނަމަ ކޯޓު އަމުރަކާނުލައި އެމީހުން ހައްޔަރު ކުރުމުގެ ބާރާއި ކޯޓު އަމުރަކާ ނުލައި މީހުން ބަލާފާސް ކުރުމާއި އެ މީހުންގެ ފޮޓޯ ނެގުމުގެ ބާރުވެސް ލިބެއެވެ.

މީގެއިތުރުން އަމިއްލަ ތަނަކުން ހައްޔަރު ކުރާ ފަރާތްތައް ހުރި ތަނެއްގައި ކުށަކާ ގުޅޭ ހެކިހުރިކަމަށް ގަބޫލުކުރެވޭނަމަ ބަލާ ފާސްކުރުމުގެ ބާރުވެސް ދިނުމަށް ވަނީ ބިލުގައި ހިމަނާފައެވެ.

ސަރުކާރުން ދަނީ ގޭންގް ކުށްތައް ހުއްޓުވާ، މުޖުތަމަޢުއަކީ އަމާންތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޭންގު ކުށް ހުއްޓުވުމަށް ޚާއްސަ ޑިޕާޓްމަންޓަކާއެކު ފުލުހުންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއްވެސް މިއަހަރު ވަނީ ގެންނަވާފައެވެ.