ކުޅިވަރު

އެމްބާޕޭގެ ފުރަތަމަ ލަނޑާއެކު ރެއާލުން ސުޕަ ކަޕް ކާމިޔާބުކޮށްފި


ފްރާންސް ތަރި ކީލިއަން އެމްބާޕޭ ޖަހައިދިން ފުރަތަމަ ލަނޑާއެކު ސްޕެއިނުގެ ރެއާލް މެޑްރިޑުން 2-0 ގެ ނަތީޖާއަކުން އެޓަލާންޓާ ބަލިކޮށް، ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިއީ ރެއާލުން ސުޕަ ކަޕް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ރެއާލުންނެވެ. ކުރީން، މި ރެކޯޑް އޮތީ ރެއާލްގެ އިތުރުން ވާދަވެރި ބާސެލޯނާ އާއި އޭސީ މިލާން އަތުގައެވެ.

ރެއާލުން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ، 2002، 2014، 2016، 2017 އާއި 2022 އަދި 2024 ގައެވެ.

ޕޮލެންޑްގެ ވެރި ރަށް ވޯސޯގައި ހުންނަ ސްޓޭޑިއޯން ނަރޮޑޯވީގައި ރޭ ކުޅުނު މެޗު ފެށިގެން އެޓަލާންޓާ އިން ރަނގަޅު ކުޅުމެއްދެއްކި ނަމަވެސް، ރެއާލްގެ ގޯލްކީޕަރު، ތިބައުޓް ކޯޓުއާ އަށް މާބޮޑު ނުރައްކަލެއް ކުރިމަތިނުކުރެވުނެވެ.

ފުރަތަމަ ހާފުގައި އެޓަލާންޓާގެ ޑިފެންސިވް ގޭމްގެ ސަބަބުން ރެއާލްގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. މި ހާފުގައި ރެއާލަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އިތުރުވަގުތުގެ ތެރޭގައި އެޓީމުގެ ބްރެޒިލް ފޯވާޑް، ރޮޑްރީގޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ. އޭގެކުރީން، އެމްބާޕޭ ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރެއިން އެޓަލާންޓާގެ ކުޅުންތެރިއަކު ވަނީ ބްލޮކް ކޮށްފައެވެ.

އެޓަލާންޓާ އަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ކެޕްޓަން، މާޓެން ޑެ ރޫން ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ރެއާލްގެ ޑިފެންޑަރު، އެޑާ މިލިޓާއޯގެ ފައިގަ ޖެހިފައި އެ ބޯޅަ ބޭރަށް ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފު ފެށިގެން ރެއާލުން ކުޅުން ރަނގަޅުކޮށް، އެ ޓީމުން ލީޑްނެގީ 59 ވަނަ މިނެޓުގައި އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލް ތަރި، ވިނީޝިއުސް ޖޫނިއާ ދިން ޕާހަކުންނެވެ.

އޭގެފަހުން، އެޓަލާންޓާގެ ކޯޗު، ޖިއަން ޕިއޭރޯ ގަސްޕަރީނީ ގެނައި ބަދަލުތަކާއެކު އެ ޓީމު ރަނގަޅަށް ހަމައަކަށް ނޭޅި އުޅެނިކޮށް، ރެއާލުން ވަނީ ދެވަނަ ލަނޑެއްޖަހައިފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ރެއާލަށް މި ލަނޑުޖަހައިދިނީ އެމްބާޕޭ އެވެ. އެމްބާޕޭ މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ. މިއީ ރެއާލްގެ ޖާޒީގައި އެމްބާޕޭގެ ފުރަތަމަ ގޯލެވެ.