ޚަބަރު

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި


  • ދެޤައުމުގެ މެދުގައި އޮންނަ ތާރީޚީ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް އެދިވަޑައިގެންނެވި

އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ވަނީ، އެޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫއަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އެޤައުމުގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަކީ، މި ސަރަޙައްދުގެ ކުރިއެރުމަށް އުފެދިފައިވާ އެކުވެރިކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މުސްތަޤްބަލުގައި މިގުޅުން ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުވެސް ކުރިއަރައިގެންދާނެކަން ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ ދެޤައުމެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މިއަހަރުގެ ޖޫންމަހު އެ ޤައުމަށް ވަޑައިގަންނަވާފައެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ރައީސް ދުރޫޕަދީ މުރުމޫއާވެސް ބައްދަލު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެޤައުމުން ގުޅުންބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެއެވެ. މި ދުވަހަކީ 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް، އިންޑިއާއަށް މިނިވަންކަން ލިބުން ފާހަގަކުރާ ދުވަހެވެ.