ޚަބަރު

"އިޖިޕްޓް އެއަރ ފްލައިޓްގައި ބޮމެއް ގޮވިކަމަށް ބެލެވޭ"


މިމަހުގެ 19 ވަނަ ދުވަހު އިޖިޕްޓް އެއަރލައިންގެ ފްލައިޓް އެމްއެސް 804، ވެއްޓުމުގެ ޙާދިސާގައި މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ކުދިކުދިވެފައި ހުރިގޮތުން އެބޯޓު ވެއްޓުމުގެ ކުރިން އޭގައި ބޮމެއްފަދަ އެއްޗެއް ގޮވާފައިވާކަމަށް ޝައްކުކުރެވޭކަމަށް މިޞްރުން ބުނެފިއެވެ. 

މިސްރުގެ ފޮރެންސިކް ދާއިރާގެ މަސްޢޫލުވެރިން ވިދާޅުވީ މެޑިޓަރޭނިއަން ކަނޑުން ފެނުނު އެބޯޓުގެ ފަސިންޖަރުންގެ ހަށިތައްވަނީ ވަރަށްބޮޑަށް ކުދިކުދި ވެފައިކަމަށާ މިއީ އެބޯޓު ވެއްޓުމުގެކުރިން އޭގައި ބޮމެއް ގޮވާފައިވާކަމަށް ބެލެވިދާނެކަމެއް ކަމަށެވެ. ނަމަވެސް އެބޯޓުގައި އެއްޗެއް ގޮވިކަން ތަހްޤީޤުތަކުން ކަށަވަރު ނުވާކަމަށް މިސްރުގެ މަސްއޫލުވެރިން ވިދާޅުވިއެވެ. 

މިމަހުގެ 19 ވަނަ ދުވަހު އިޖިޕްޓް އެއަރލައިންގެ ފްލައިޓް އެމްއެސް 804، މެޑިޓަރޭނިއަން ކަނޑަށް ވެއްޓުނުކަން އެނގުނީ އެބޯޓު ރާޑަރަށް ގެއްލުނުތާ ދެތިން ގަޑީއިރު ފަހުންނެވެ. އެއަރ ބަސް އޭ 320 މަރުކާގެ އެބޯޓު ވެއްޓުނީ ފަރަންސޭސިވިލާތުގެ ޕެރިހުގެ ޗާލްޑިގޯލް އެއަރޕޯޓުން މިސްރުގެ ގާހިރާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރުމުގެ މަގުމަތީގައެވެ. 

އެބޯޓުން ދަތުކުރި 66 މީހުން އެޙާދިސާގައި ވަނީ މަރުވެފައެވެ.