ޚަބަރު

ރާއްޖެއާއި ބަހްރައިނާ ދެމެދު ސިލްސިލާގޮތެއްގައި ސިޔާސީ މަޝްވަރާތައް ބޭއްވުމާމެދު ވާހަކަދައްކަވައިފި


  • އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރި

ރާއްޖެއާއި ބަހްރެއިންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، ބަހްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ބަޙްރެއިންގެ ވެރިރަށް މަނަމާގައެވެ.

ބަހްރެއިންގެ ޚާރިޖީ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަހްރެއިނާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމުގެ މައްޗަށް ދެވަޒީރުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ރާއްޖެއާއި ބަހްރެއިނާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވުމަށްވެސް މަޝްވަރާކުރެއްވިކަމަށް ޚަރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ބަހްރެއިނުން ރާއްޖެއަށް ޒަމާނުއްސުރެ ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ މި ދަތުރުފުޅަކީ ބަހްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރައްވާ މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލަރޖް އަހުމަދު ނަސީރާއި، ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހިމެނޭހެން ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެއާއި ބަޙްރައިނާ ދެމެދު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް މިއަހަރު 44 އަހަރު ފުރޭނެއެވެ.