ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބެލެން ނެތްކަމަށް ނިންމުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އާދީއްތަ ދުވަހުއެވެ.
ކުރީގެ ނައިބު ރައީސް ޢަބްދުالله ޖިހާދުގެ މައްޗަށް ދައުލަތުން އުފުލީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ. އެމައްސަލަތައް ބެލެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމީ ދައުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށެވެ. ކްރިމިނަލް ކޯޓުން މިނިންމުން ނިންމާފައިވަނީ ޖިހާދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅުއްވި ހުށަހެޅުންތަކާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައިނެތްކަން އެއޮފީހުން ފާހަގަކުރައްވައެވެ. އެހެންވެ މި މައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އެދިފައެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އެމަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސޮއިކުރެއްވި މައްސަލައިގައެވެ. އެއެއްބަސްވުމުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި 25 އިންސައްތަ އޮތްއިރު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަން ޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާދީފައި އޮތްކަމަށް ދައުލަތުން ވިދާޅުވެއެވެ.