ޚަބަރު

ރަޝިއާއާއި އިޓަލީގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑް ޝޯވތަކެއް ބާއްވަނީ


  • ރަޝިއާ އަދި އިޓަލީގެ މާކެޓަކީ ރާއްޖެއަށް އިޤްތިޞާދީ ފައިދާ ބޮޑު ދެ މާކެޓް

  • މިއަހަރު ތެރޭގައި ރޯޑް ޝޯވތައް ބާއްވާނެ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރަޝިއާ އަދި އިޓަލީގައި ރޯޑް ޝޯވތަކެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފާގަތި އަހަރަކަށް ހެދުމަށް މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިހާރުވެސް ބައިނަލްއަޤުވާމީ މާކެޓުތަކުގައި ވާދަވެރި މަންޒިލަކަށްވާއިރު، އެކަން އެގޮތުގައި ދަމަހައްޓާ އިތުރު މާކެޓްތަކުން ރާއްޖެއަށް މީހުން ޝައުގުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ ރަޝިއާ އަދި އިޓަލީގެ މާކެޓަކީ ރާއްޖެއަށް އިޤްތިޞާދީގޮތުން ބޮޑު ފައިދާއެއް ލިބޭ ދެ މާކެޓްކަމަށެވެ. އެހެންކަމުން އެ ސަރަޙައްދުތަކުން ފަތުރުވެރިން އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވަނީ ނިންމާފައި މިއަހަރުގެ ތެރޭގައި ރަޝިއާ އަދި އިޓަލީގައި ރޯޑްޝޯވތަކެއް ބާއްވަން، އަޅުގަނޑުވެސް ދާނަން. އެމަސައްކަތް އެބަދޭ ވަރަށް ބާރަށް ކުރިއަށް." ވަޒީރު ވިދާޅުވެއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރުގެ ތެރޭގައިވެސް މުހިއްމު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ރޯޑް ޝޯވތަކާއި ބޮޑެތި ފެއާތަކާއި އެގްޒިބިޝަންތަކުގައި އަދި ސެމިނަރތަކުގައި ވަނީ ބައިވެރިވެފައެވެ. މިމަސައްކަތް ކުރުމަށް ހޭދަކުރާ މިންވަރު އިތުރުކޮށް ރާއްޖެއަށް ދުނިޔޭގެ ގިނަބައެއްގެ ސަމާލުކަން ލިބޭނެ ފަދަ އެކި ޙަރަކާތްތަކާއި ފެއަރތަކާއި އިވެންޓުތަކުގައި ދަނީ ބާއްވަމުންނެވެ. އަދި އިޝްތިހާރުކުރާ ގޮތް ޒަމާނާ އެއްގޮތަށް ބަދަލުކޮށްގެން މަސައްކަތްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.