ކުޅިވަރު

ޗެލްސީން، އެތުލެޓިކޯގެ ފެލިކްސް ގެނައުމުގެ މަޝްވަރާތައް ފަށައިފި


އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގީޒް ފޯވާޑް، ޔާއޯ ފެލިކްސް ގެނައުމުގެ މަޝްވަރާތައް ޗެލްސީން ފަށާފައިވާ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.

މިދިޔަ ހަފްތާތަކުގައި ޗެލްސީ އާއި އެތުލެޓިކޯ އިން ވަނީ ކޮނާ ގެލަގާ އާއި ސަމޫ އޮމޮރޯޑިއޯން އެ ދެ ކްލަބަށް ބަދަލުވުމުގެ ޑީލްތަކާ ގުޅޭގޮތުން މަޝްވަރާތައް ބާއްވައި، އެއްބަސްވުމަކަށް އައިސްފައެވެ.

ފެލިކްސް، 24، އާ ގުޅޭގޮތުން ޗެލްސީން މަޝްވަރާތައް ފަށާފައިމިވަނީ، ދާދިފަހުން އެ ޓީމުން ގެނައުމަށް މަސައްކަތްކުރި އެތުލެޓިކޯގެ ޒުވާން ފޯވާޑް، އޮމޮރޯޑިއޮންގެ ޑީލް ހުއްޓުމުންނެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެތުލެޓިކޯ އަށް ގެލަގާ ބަދަލުވުމުގެ ޑީލް ނިމޭނެ އެވެ. އޭނާ ވަނީ އެ ޓީމާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މީގެކުރީން، ފެލިކްސް ވަނީ 2022/23 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ އަށް ހަ މަސްދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެފައެވެ. އެ ފަހަރުގެ ސީޒަނުގައި ފެލިކްސް ވަނީ ކުޅުނު 16 މެޗުގައި ހަތަރު ލަނޑުޖަހައިފައެވެ.

އެތުލެޓިކޯ އާއެކު ފެލިކްސް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، އެ ޓީމުގެ ކޯޗު، ޑިއޯގޭ ސިމިއޯނީގެ ޕްލޭންގައި އޭނާ ނުހިމެނެއެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ފެލިކްސްގެ މުސްތަގުބަލާމެދު ގޮތެއް ނިންމުމަށް އެހީތެރިވުމުގެ ގޮތުން އެތުލެޓިކޯ އިން ވަނީ އޭނާ އަށް އިތުރު ބްރޭކެއް ދީފައެވެ.

މިވަގުތު ފެލިކްސް ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޗެލްސީގެ އިތުރުން އެސްޓަން ވިލާ އެވެ. އެގޮތުން، ފެލިކްސް އަކީ ވިލާގެ މިހާރުގެ ކޯޗު، އުނާއި އެމެރީގެ ޓީމަށް ބޭނުންވާ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށް ހަބަރުތައް ބުނެއެވެ.

2019 ވަނަ އަހަރުގެ ސީޒަނަށް 126 މިލިއަން ޔޫރޯ (113 މިލިއަން ޕައުންޑް) ގެ ޑީލެއްގައި ބެންފީކާ އިން އެތުލެޓިކޯ އަށް ފެލިކްސް ބަދަލުވިނަމަވެސް، އެ ޓީމުގެ ހޭދަކުރި ދުވަސްތައް ދިޔައީ ވަރަށް ހިތްދަތިކޮށެވެ.

އޭގެފަހުން، ޖަނަވަރީ 2023 ގައި ލޯން އުސޫލުން ޗެލްސީ އަށް ބަދަލުވިނަމަވެސް، އެ ޓީމުން ވެސް އެ ފަހަރުގެ ސީޒަނަށްފަހު ދާއިމީ ކޮންޓްރެކްޓެއްގައި ފެލިކްސް ގެނައުމަށް ބޭނުންނުވުމުން ދެން ޖެހިގެންއައި ސީޒަނުގައި އެތުލެޓިކޯ އިން ވަނީ ލޯނެއްގައި ބާސެލޯނާ އަށް ދޫކޮށްފައެވެ. ބާސެލޯނާ އާއެކު ހޭދަކުރީ ސީޒަނުގައި ފެލިކްސް ވަނީ 44 މެޗުގައި 10 ލަނޑުޖަހައިފައެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ކުޅެން ފެށިފަހުން ގަވާއިދުން ސްކޮޑުގައި ހިމެނި، ބޮޑެތި މުބާރާތްތަކުގައި ކުޅެމުން އަންނަ ފެލިކްސް ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 41 މެޗުގައި 8 ލަނޑުޖަހައިފައެވެ.