ޚަބަރު

ދިރާގު ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް !


މާލޭގައި ހުންނަ ދިރާގު މައި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް، އެފްއާރުއެސްއިން މިއަދު ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިވެކުއޭޝަން ޑްރިލްއަކީ ދިރާގުން ތައްޔާރުކޮށްފައިވާ އިވެކުއޭޝަން ޕްލޭނާ އެއްގޮތަށް، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ނުވަތަ އިމަޖެންސީ ހާލަތެއްގައި ސަލާމަތާއި ރައްކާތެރިކަމާއެކު އިމާރާތުން މީހުން ހުސްކުރަމަށް އަމަލުކުރަން ވީގޮތް ފަރިތަކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14640254322636.jpg|ދިރާގު ހެޑް އޮފީހުގައި ކުރިއަށްގެންދިޔަ ފަޔަރ ޑްރިލްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އިމާރާތުން ބޭރަށް ނިކުމެ، ސަލާމަތްތެރި ހިސާބަކަށް ދާނެ މަގުތައް ދެނެގަތުމާއި، މިފަދަ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި މީހުން އުފުލާނެ ގޮތްތަކާއި، އަދި މިފަދަ ހާލަތްތަކުގައި މީހުންނަށް އެހީތެރިވުމުގައި ކަންތައް ކުރަންޖެހޭ ގޮތްތައް ފަރިތަކުރެވުނުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

އެމްއެންޑީއެފް އެފްއާރުއެސް އިން ކުރިއަށްގެންދިޔަ މިޑްރިލްގައި ދިރާގުގެ މައި އޮފީހުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، މިޑްރިލް ކުރިއަށްގެންދެވިފައިވަނީ އެމްއެންޑީއެފް އެފްއާރުއެސްގެ އިރުސާދުގެ ދަށުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.