ޚަބަރު

ޑިފެންސް މިނިސްޓަރ ޕާކިސްތާނަށް ފުރާވަޑައިގެންފި


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި މިރޭ ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޑިފެންސް މިނިސްޓަރ ޕާކިސްތާނަށް މިކުރައްވާ ދަތުރުފުޅަކީ، ޕާކިސްތާނުގެ މިނިސްޓަރ އޮފް ޑިފެންސް ޙަވާޖާ މުޙައްމަދު އާސިފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. ޑިފެންސް މިނިސްޓަރ ޕާކިސްތާނަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެޤައުމުގެ އަސްކަރީ ދާއިރާގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ޑިޕާރޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުލް މަޠީން އަޙްމަދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެވަޑައިގަންނަވައެވެ. ޑިފެންސް މިނިސްޓަރަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން އަލްވަދާޢު ދެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނެވެ.