ޚަބަރު

ޢައްޒާއަށް ސިމެންތި އެތެރެކުރުމުގެ ހުއްދަ އިސްރާއިލުން ދީފި


އިސްރާއީލުން ޙިޞާރުކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާއަށް ސިމެންތި އެތެރެކުރުން މަނާކުރިތާ 45 ދުވަސްފަހުން އަނެއްކާވެސް ޣައްޒާއަށް ސިމެންތި އެތެރެކުރުމުގެ ހުއްދަ އިސްރާއީލުގެ ސަރުކާރުން ދީފިއެވެ. 

އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވީ ޣައްޒާއަށް ސިމެންތި އެތެރެކުރުމުގެ ހުއްދަ އަލުން ދިނީ ޣައްޒާގެ ޢާންމުންގެ ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައްފަދަ މަދަނީ ޢިމާރާތްތައް ބިނާކުރުމާއި މަރާމާތުކުރުން ފިޔަވައި އެހެންކަމަކަށް ސިމެންތި ބޭނުން ނުކުރާނެކަމުގެ ޔަޤީންކަން އދ. ގެ ފަރާތުން ލިބުމުންކަމަށެވެ. 

މެދުއިރުމައްޗަށް ކަނޑައަޅާފައިވާ އދ. ގެ މަންދޫބު ނިކޮލައި މްލަދެނޯފް ވަނީ އިސްރާއީލުގެ މިނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. 

އޭނާ ވިދާޅުވީ ޣައްޒާއަށް އެތެރެކުރާ ސިމެންތި މަދަނީ ކަންކަން ފިޔަވައި އެހެން ކަންކަމަށް ބޭނުން ނުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރައްވާކަމަށެވެ. ޣައްޒާއަށް ސިމެންތި އެތެރެކުރުން އިސްރާއީލުން މަނާކުރީ، އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރާ ދެކޮޅަށް މަސައްކަތްކުރާ ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން އަސްކަރީ ކަންކަމަށް ސިމެންތީގެ ބޭނުންކުރާ ކަމަށް ތުހުމަތުކޮށް ބަހަނާތަކެއް ދެއްކުމަށްފަހުއެވެ. 

ޙަމާސްއިން ވަނީ އިސްރާއީލުގެ ތުހުމަތުތަކަކީ އަސްލެއްނެތް ތުހުމަތުތަކެއްކަމަށް ބުނެފައެވެ.