ބަޔާން މިއުނިކަށް ކުޅެމުންއަންނަ ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އާއި މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީ ގަތުމަށް ބަޔާން އާއެކު މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ޔުނައިޓެޑުން މި ދެ ކުޅުންތެރިން ގަތުމަށް ބަޔާނަށް ހުށަހެޅި އޮފާ ގާތްގަނޑަކަށް 50 މިލިއަން ޕައުންޑަށް ވުރެ އިތުރުވާނެ އެވެ. އެގޮތުން، ޔުނައިޓެޑުން ވަނީ ޑި ލިޓް، 24، ގެ ސޮއި ހޯދުމަށް 38.6 މިލިއަން ޕައުންޑްގެ ބިޑެއްގެ އިތުރުން ބޯނަހުގެ ގޮތުގައި 4.3 މިލިއަން ޕައުންޑްގެ ހުށަހެޅުން ބަޔާނުން ގަބޫލުކޮށްފައިވާއިރު، މަޒްރައޮއީ ގަތުމަށް 12.9 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ވަނީ އެއްބަސްވެފައެވެ.
ފަހަކަށްއައިސް ނެދަލެންޑްސްގެ ގައުމީ ޓީމުން ޖާގަ ހޯދުމުގައި އުނދަގޫތައް ކުރިމަތިވެފައިވާ ޑި ލިޓް އަކީ 2019 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި އެރިކް ޓެން ހާގްގެ އަޔެކްސް ޓީމުގެ އޭރުގެ ކެޕްޓަނެވެ. މިހާރު ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި ޓެން ހާގް މީގެކުރީން ވެސް ވަނީ ޑި ލިޓް ގެނައުމަށް މަސައްކަތްކޮށްފައެވެ.
ޑި ލިޓް ވަނީ ޖެހިގެންއައި ސީޒަނުގައި 67.5 މިލިއަން ޕައުންޑްގެ ޑީލެއްގައި އިޓަލީގެ ޔުވެންޓަސްއާ ގުޅިފައެވެ. އެ ކްލަބާއެކު އެއް ފަހަރު އިޓަލިއަން ސެރިއޭ އާއި ކޮޕާ އިޓާލިއާ ކާމިޔާބުކުރިއިރު، ވަނީ 117 މެޗު ކުޅެދީފައެވެ. އެއަށްފަހު، 2022 ގައި ބަޔާނަށް ބަދަލުވީ 65.6 މިލިއަން ޕައުންޑަށެވެ. ފަހަކަށްއައިސް ބަޔާންގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބުނުނަމަވެސް ޑި ލިޓް ވަނީ 73 މެޗު ކުޅެ، އެއްފަހަރު ޖަރުމަނު ބުންޑެސްލީގާ ކާމިޔާބުކޮށްފައެވެ.
މި ފަހަރުގެ ސީޒަނަށް ކުރިމަތިލުމުގެ ކުރީން، ޔުނައިޓެޑުން އަމާޒުހިފާފައިވަނީ ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ސެންޓްރަލް ޑިފެންޑަރަކާއި ކަނާތު ފުލްބެކެއް ހޯދުމަށެވެ. ނިމިދިޔަ ސީޒަނުގައި ޑިފެންސްގެ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެ، އެންމެ ރަނގަޅު ނަތީޖާ ނެރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. މީގެއިތުރުން، އައު ސީޒަނަށް އެ ޓީމުން ގެނައި ޒުވާން ޑިފެންޑަރު، ލެނީ ޔޯރޯގެ އިތުރުން ލޫކް ޝޯ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.
ޑިފެންސް ވަރުގަދަކުރުމުގެ ގޮތުން ޔުނައިޓެޑުން އެންމެ ފުރަތަމަ މަސައްކަތްކުރީ އެވަޓަންގެ އިނގިރޭސި ޑިފެންޑަރު، ޖަރަޑް ބްރަންތުވެއިޓް ގެނައުމަށެވެ. އެގޮތުން، ޔުނައިޓެޑްގެ ދެ ހުށަހެޅުމެއް އެވަޓަން ވަނީ އަނބުރާ ފޮނުވާލައިފައެވެ.
އޭރު އެވަޓަނުން ވަނީ 70 މިލިއަން ޕައުންޑަށްވުރެ ކުޑަކޮށް ބްރަންތުވެއިޓް ދޫކޮށްލަން ދެކޮޅު ހަދާފައެވެ. އެހެންކަމުން، ޔުނައިޓެޑުން ދެން މަސައްކަތްކުރަމުންދިޔައީ އެއަށްވުރެ އަގުހެޔޮ އަދި ތަޖުރިބާ ބޮޑު، ޑި ލިޓް ގެނައުމަށެވެ.
ޑި ލިޓްގެ އިތުރުން މަޒްރައޮއީ އަކީ ވެސް ކުރީން އަޔެކްސްގެ ޑިފެންސްގައި މިހާރު ޔުނައިޓެޑްގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ އާއެކު ކުޅެފައިވާ ކުޅުންތެރިންނެވެ.