ޚަބަރު

ހިމާޔަތް ހޯދައިގެން ރާއްޖެ ނިކަމެތި ނުކުރުމަށް ގޮވާލައްވައިފި


ބޭރު ޤައުމެއްގެ ޙިމާޔަތް ހޯދައިގެން ތިބެ، ޤައުމު ނިކަމެތިކުރުމަށް މަސައްކަތް ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. 

އިނގިރޭސިވިލާތަގެ ޙިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ވިދާޅުނުވެ އެކަމަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ދުނިޔެއިން ރާއްޖެކީ ނުބައި ދައުލަތެއްގެ ގޮތުގައި ސިފަކުރަން މަސައްކަތްކުރަނީ ޤައުމަށް ގައްދާރުވާ ބަޔަކު ބޭރުޤައުމުތަކުގައި ތިއްބަވައިގެން ރާއްޖެއާ މެދު ހުތުރު ގޮތަކަށް ސިފަކުރަމުންދާތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަކީ މައުސޫމް ބައެއްކަމަށެވެ. ރާއްޖެއަށް ހެޔޮއެދޭކަމުގައި ވާނަމަ ޤައުމު ނިކަމެތިކުރަން ވާހަކަދެއްކުމަކީ ބޭނުން ހުރިކަމެއް ނޫންކަމަށާއި އެކަމުން ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށްކަމަށެވެ. 

ބޭރުޤައުމެއްގެ ޙިމާޔަތް ހޯދައިގެން ތިބިނަމަވެސް، ދިވެހިރައްޔިތުން މިޤައުމުގައި ދިރިއުޅެން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ރާއްޖެ ބަދުނާމުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެފަރާތްތަކަށް ގޮވާލައްވާފައެވެ.